ކުންފުނީ އީ-މެއިލްއަށް ވަދެވޭ ގޮތަށް ސެޓަޕް ހަދާފައިވާ ހުރިހާ މޯބައިލް ޑިވައިސްތަކަކުން ޓިކްޓޮކް ވީޑިއޯ އެޕްލިކޭޝަން އަންއިންސްޓޯލް ކުރުމަށް ބަޔާންކޮށް، އެ ކުންފުނީގެ މުވައްޒަފުންނަށް އީ-މެއިލްއެއް ފޮނުވީ އޮޅުމަކުން ކަމަށް އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުނި އެމެޒޯންއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރީގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެމެޒޯން ކުންފުނިން ހުކުރު ދުވަހު ވަނީ، ސަލާމަތީ ގޮތުން ނުރައްކާތަކެއް ހުރި ކަމަށް ބުނެ، މޯބައިލް ޑިވައިސްތަކުން ޓިކްޓޮކް އެޕްލިކޭޝަން ޑިލީޓް ކުރުމަށް އިރުޝާދު ދީފައެވެ.

ޗައިނާގެ ކުންފުންޏަކުން ހިންގާ ޓިކްޓޮކް އެޕްލިކޭޝަނަކީ، ޗައިނާގެ ކަމާބެހޭ ފަރާތަކަށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ފޯރުކޮށްދޭ އެޕްލިކޭޝަނެއް ކަމަށް މި ފަހަކަށް އައިސް ވަނީ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައެވެ.

ޓިކްޓޮކް ކުންފުނިން ބުނީ އެމެޒޯން ކުންފުނިން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ފަހުމް ނުވާ ކަމަށެވެ. އަދި މިކަމާ ބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް އެމެޒޯން ކުންފުނިން ހިއްސާކޮށްފައި ނުވާ ކަމަށްވެސް ޓިކްޓޮކް ކުންފުނިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމެޒޯން ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ އީ-މެއިލް ދިޔައީ އޮޅުމަކުން ކަމަށާ، ޓިކްޓޮކާ ގުޅިގެން އެމެޒޯން ކުންފުނީގެ އެއްވެސް ސިޔާސަތަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވާދަވެރި ނުތަނަވަސްކަމާއެކު އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ، ހާރިޖިއްޔާގެ މުވައްޒަފުން ޓިކްޓޮކް އެޕްލިކޭޝަން ޑައުންލޯޑް ކުރުން މަނާކޮށްފައެވެ. މީގެ އިތުރުން އިންޑިއާއިންވަނީ ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރުން ގައުމީ ފެންވަރެއްގައި މަނާކޮށްފައެވެ.