ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ހަލާކުވަކީ ފުއްޕާމޭ އެކަނި ނޫން ކަމަށާ، ނަމަވެސް ކިޑްނީ، މޭ، ހިތް، ސިކުނޑި އަދި ނާރުތަކުގެ ނިޒާމާ، ހަންގަނޑު އަދި ޖީއައި ޓްރެކްޓް ނުވަތަ ކެއިންބުއިމާ ހަޖަމް ކުރުމުން ފެށިގެން ގޮސް ނަޖިސް ބޭރު ކުރުމާ ހިސާބަށް އޮންނަ ގުނަވަންތަކަށްވެސް މި ވައިރަހުގެ ސަބަބުން ގެއްލުންވާ ކަމަށް ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓްތަކެއް މުރާޖައާއެއް ބުނެފިއެވެ.

މި މުރާޖައާ އެކުލަވާލާފައިވަނީ ނިއުޔޯކް ސިޓީގައި ހިންގާ ކޮލަމްބިއާ ޔުނިވާސިޓީ އާވިންގް މެޑިކަލް ސެންޓާގެ ޓީމަކުންނެވެ. މިއީ މިއަހަރުގެ ބަހާރު މޫސުމުގަ ކޮވިޑް-19ގެ ޕޭޝަންޓުންނައިގެން ތޮއްޖެހިގެން ދިޔަ އެއް ހޮސްޕިޓަލެވެ. މި މުރާޖައާ އެކުލަވާލުމުގައި އެ ހޮސްޕިޓަލުގެ އަމިއްލަ ތަޖުރިބާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ މެޑިކަލް ޓީމުތަކުން އެކުލަވާލި ރިޕޯޓްތައް ދިރާސާކޮށްފައިވެއެވެ.

ކޮވިޑް-19އަށް އަދި ކަނޑައެޅިގެން ވަކި ފަރުވާއެއް އޮތްކަން ހޯދިފައެއް ނުވޭ/ފޮޓޯ: ޑެޓްރޮއިޓް ފްރީ ޕްރެސް

މި މުރާޖައާއަކީ ހަށިގަނޑުގެ މައިގަނޑު ކޮންމެ ނިޒާމަކަށް ކޮރޯނާވައިރަސް ހަމަލާދޭ ގޮތް ބަޔާންކޮށްދޭ ތަފްސީލީ ތަސްވީރެކެވެ. އެގޮތުން އެތެރެ ހަށީގެ ގުނަވަންތައް ހަލާކުކޮށްލާ ގޮތާ، ލޭ ގަނޑުވާ ގޮތާ، ހިތުގެ ވިންދު ހިނގަމުންދާ ދިއުން ގެއްލިގެން ދާ ގޮތާ، ކިޑްނީއިން ލޭ އަންނަ ގޮތާ، ހަންގަނޑުގައި ބިހިގަނޑުތަކެއް ނަގާ ގޮތް ތަފްސީލީ ނަޒަރަކުން މި މުރާޖައާގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމާ، ބޯ އެނބުރުމާ، މަސްތަކުގައި ރިއްސުމާ، ބަނޑުގައި ރިއްސުމާ، ނޭވާލާ ނިޒާމުގެ އެހެން ބަލިތަކާއެކު ފެންނަ އަލާމާތްތަކަކީވެސް ކޮވިޑް-19އާއެކު ކުރިމަތިލާންޖެހޭ ކަންތައްތަކެއް ކަން މި މުރާޖައާ ރިޕޯޓް ގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ކޮލަމްބިއާގެ ކާޑިއޮލޮޖީ ފެލޯ ޑރ އާކްރިތީ ގުޕްތާ ވިދާޅުވީ، ކޮވިޑް-19އަކީ ހަށިގަނޑުގެ އެއް ނިޒާމަށްވުރެ ގިނަ ނިޒާމުތަކަކަށް ޖެހޭ ބައްޔެއްގެ ގޮތުގައި ފިޒީޝަނުން ފަރުވާ ކުރަން ފަށަންވެއްޖެ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ލޭ ގަނޑުވުމުގެ މައްސަލަ ހާމަވެފައިވާ ކަމަށާ، ވިސްނަން ޖެހޭ ކަމަކީ މި ޕޭޝަންޓުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ކިޑްނީ، ހިތް އަދި ސިކުނޑިއަށްވެސް ގެއްލުންތަކެއް ވެފައިވާ ޕޭޝަންޓަކުން ކަމަށާ، ނޭވާލާ ނިޒާމަށް ފަރުވާ ކުރާ އުސޫލުން މި ގެއްލުންތަކަށް ފަރުވާ ދިނުމަށްވެސް ޑޮކްޓަރުން ސަމާލުވާންޖެހޭ ކަމަށް ޑރ ގުޕްތާ ވިދާޅުވިއެވެ.

ސްރީލަންކާގައި މީހަކު ކޮވިޑް-19އަށް ޓެސްޓު ކުރަނީ/ފޮޓޯ: ރޮއިޓާޒް

މިކަން މެދުވެރިވަނީ ސެލްތަކަށް ހުޅުވާލަދޭ ދޮރު ނުވަތަ ރިސެޕްޓާޒްއާއި އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށްވެސް ބުނެވިދާނެއެވެ. ލޭހޮޅިތަކާ، ކިޑްނީ އަދި ލިވާ ޑަކްޓްއާއި ޕެންކްރިއާސް އަދި ގޮހުރުގ ނިޒާމުގެ ބޭރު ދުއްޔަކީ އޭސީއީ2 ރިސެޕްޓާޒް އެކުލެވޭ ދުއްޔެކެވެ. މިއީ އެ ދުލީގައި ވައިރަހަށް ވަކި ހިއްޕާލާ، ސެލްތައް އިންފެކްޓް ކުރެވޭ ރިސެޕްޓާއެއް ކަމަށް ޖާނަލް ނޭޗާ މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރަސާގައި ވަނީ ބަޔާންކޮށްފައެވެ.

އެތެރެ ހަށީގެ އެކި ގުނަވަންތަކަށް އަނިޔާ ލިބެނީ، ވައިރަހުގެ ސަބަބުން ސީދާ އެ ގުނަވަންތަކުގެ ޓީޝޫއަށް ލިބޭ ގެއްލުންތަކެއްގެ ސަބަބުން ކަމަށް ބުނެވިދާނެ ކަމަށްވެސް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

މި ވައިރަހަކީ އާދަޔާ ހިލާފު ވައިރަހެއް ކަމަށް ދިރާސާ ޓީމުގައި ހިމެނިވަޑައިގަންނަވާ އިތުރު ކާޑިއޯ ފެލޯއެއްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.