ތުރުކިވިލާތުގެ އިސްތަންބޫލްގައި ހުންނަ މަޝްހޫރު ތާރީހީ ބިނާ "ހާޖިއާ ސޯފިއާ" އަނެއްކާވެސް މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުމަށް ތުރުކީވިލާތުން ނިންމައިފިއެވެ.

ދާރުލް އަސާރެއްގެ ގޮތުގައި މަޝްހޫރުވި ހާޖިއާ ސޯފިއާއަކީ މީގެ ފަހުން މިސްކިތެއްގެ ގޮތުގައި މުސްލިމުންނަށް ބޭނުން ކުރެވޭނެ ތަނެއް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން އިއުލާން ކުރެއްވީ، އެ ބިނާއަށް ދީފައިވާ ދާރުލް އަސާރެއްގެ ދަރަޖަ ބާތިލު ކުރުމަށް ކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.

ތުރުކީވިލާތުގެ ހާޖިއާ ސޯފިއާ ބިނާ/ފޮޓޯ: މިޑްލް އީސްޓް މޮނިޓާ

މީގެ 1500 އަހަރު ކުރިން ނަސޯރާ ފައްޅިއެއްގެ ގޮތުގައި ބިނާ ކުރި ހާޖިއާ ސޯފިއާ، މިސްކިތަކަށް ބަދަލު ކުރީ 1453 ވަނަ އަހަރުއެވެ. އަށްފަހު 1934 ވަނަ އަހަރު ދާރުލް އާސާރަކަށް ބަދަލުކުރިއެވެ. އެއަށްފަހު، ހާޖިއާ ސޯފިއާއަކީ ޔުނެސްކޯއިން ލިސްޓުކުރާ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައިވެސް ހިމެނުނު ބިނާއެކެވެ.

ހާޖިއާ ސޯފިއާ މިސްކިތަކަށް އަލުން އަނބުރާ ބަދަލު ކުރުމަށް، ތުރުކީވިލާތުގެ މުސްލިމުން ގޮވާލަމުން ދިޔަ ނަމަވެސް، ސެކިއުލާ ފިކުރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ މިކަމަށް ހުރަސް އަޅަމުންނެވެ. ހާޖިއާ ސޯފިއާއަށް މިސްކިތެއްގެ ދަރަޖަ ދިނުމަށް ހުށަހެޅި ޕްރޮޕޯސަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިޔާސީ ލީޑަރުންވެސް ފާޑުކިއެވެ.

ނަސޯރާ ފައްޅިއެއްގެ ގޮތުގައި ބިނާ ކުރި ހާޖިއާ ސޯފިއާ، މިސްކިތަކަށް ބަދަލު ކުރީ 1453 ވަނަ އަހަރު/ފޮޓޯ: މިޑްލް އީސްޓް އޮންލައިން

ނަމަވެސް، އުރުދުގާން ވަނީ މިހުރިހާ ފާޑުކިއުންތަކަކާ ދެކޮޅަށް ތުރުކީވިލާތުގެ ނިންމުން ދިފާއު ކުރައްވާފައެވެ. ހާޖިއާ ސޯފިއާއަށް އަލުން އަނބުރާ މިސްކިތެއްގެ ދަރަޖަ ދީފައިވަނީ، ތުރުކީވިލާތަށް ލިބިދީފައިވާ އިސްތިގުލާލީ ބާރުގެ ތެރެއިން ކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

މިސްކިތަކަށް ބަދަލު ކުރުމާއެކު ހާޖިއާ ސޯފިއާގައި ވަނީ ބަންގި ގޮވާފައެވެ. ތުރުކިވިލާތުގެ ބޮޑެތި ޓީވީ ޗެނަލްތަކުން ވަނީ ހާޖިއާ ސޯފިއާގައި ގޮވި ބަންގިވެސް ދުރަށް ބްރޯޑްކާސްޓްކޮށްފައެވެ.

ތުރުކީވިލާތުގެ ހާޖިއާ ސޯފިއާ ބިނާގެ އެތެރެ/ފޮޓޯ: ޑެއިލީ ސޮބާހް

އުރުދުގާން ވިދާޅުވާ ގޮތުގައި މިހާރު މިސްކިތެއްގެ ދަރަޖަ ދީފައިވާ ހާޖިއާ ސޯފިއާގައި މުސްލިމުންގެ ޖަމާއަތުގައި ފުރަތަމަ ފަހަރަށް ދެން އެންމެ އަވަހަށްވެސް ނަމާދު ކުރަން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ތުރުކީވިލާތުގައި ތިބި ދޭސީ އަދި ބިދޭސީ މުސްލިމުންނާ ޣައިރު މުސްލިމުންނަށްވެސް ހާޖިއާ ސޯފިއާގެ ދޮރުތައް ހުޅުވާލެވޭނެކަމަށް ވެސް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

ހާޖިއާ ސޯފިއާ އަލުން އަނބުރާ މިސްކިތަކަށް ބަދަލު ކުރުމާއެކު ޔުނެސްކޯއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިތުރު ލަސް ކުރުމަކާ ނުލާ މަޝްވަރާތަކަށް ފުރުސަތު ހުޅުވާލުމަށްވެސް ތުރުކިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް، ޔުނެސްކޯއިންވަނީ ގޮވާލާފައެވެ. މަޝްވަރާ ކުރުމަކާ ނުލާ، ހާޖިއާ ސޯފިއާގެ ހައިސިއްޔަތު ބަދަލު ނުކުރުމަށް ޔުނެސްކޯއިން އޮތީ ތުރުކީވިލާތަށް އަންގާފައެވެ.

ތުރުކީވިލާތުގެ ހާޖިއާ ސޯފިއާ ބިނާގެ އެތެރެ/ފޮޓޯ: ޔޫޓިއުބް

ހާޖިއާ ސޯފިއާގެ ތާރީހު ފެށެނީ 537 ވަނަ އަހަރު، ބީޒަންޓީނުންގެ އެމްޕަރާ އެ އިމާރާތް ބިނާ ކުރި ހިސާބުންނެވެ. ބޮޑު ގުއްބަކާއެކު ބިނާ ކުރި މި ފައްޅިއަކީ ދުނިޔޭގައި އޭރު ހުރި އެންމެ ބޮޑު ފައްޅި އަދި އިމާރާތްކަމަށް ބުނެވެއެވެ.

ނަމަވެސް ތުރުކީވިލާތުގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސް ކޯޓު ނުވަތަ ކައުންސިލް އޮފް ސްޓޭޓްއިން ހުކުރު ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، މިސްކިތެއްގެ ގޮތުގައި ހާޖިއާ ސޯފިއާ ބޭނުން ކުރަމުން ދިޔަ ދިއުމަށް ނިމުމެއް ގެނެސް، ދާރުލް އާސާރެއްގެ ހައިސިއްޔަތު ދިނުމަށް 1934 ވަނަ އަހަރު ނިންމުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 1204 ވަނަ އަހަރު ސޮލީބީން ސިޓީ ރެއިޑް ކުރި ދުވަސްވަރު ފިޔަވާ ހާޖިއާ ސޯފިއާ މުޅިންހެންވެސް ކޮންޓްރޯލް ކުރަމުން ދިޔައީ ބީޒަންޓީނުންނެވެ.

ތުރުކީވިލާތުގެ ހާޖިއާ ސޯފިއާ ބިނާ/ފޮޓޯ: ބްރިޓޭނިކާ

1453 ވަނަ އަހަރު ބީޒަންޓީނުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކާއެކު، އުސްމާނީ ސުލްތޯން މަހްމޫދު 2 ވަނަ، އިސްތަންބޫލް (އޭރުގެ ކޮންސްޓަންޓިނޯޕަލް) ހިފިއެވެ. އަދި ހާޖިއާ ސޯފިއާގައި ހުކުރު ނަމާދު ކުރެއްވިއެވެ. ގިނަ ދުވަހެއް ނުވެ، ހާޖިއާ ސޯފިއާގެ އިމާރާތް މިސްކިތަކަށް ބަދަލުކޮށް، 4 މުންނާރު އިތުރު ކުރިއެވެ. އަދި އަރަބި ކެލިގްރަފީއިން ތަން ޒީނަތްތެރިކޮށް ނަސޯރާއިންނާ ގުޅުންހުރި ފަރުމާތައް ފޮރުވާލިއެވެ.

އުސްމާނީ ދައުލަތުގެ ރަން ދުވަސްވަރު، މުސްލިމުންގެ ތަނެއްގެ ގޮތުގައި ހާޖިއާ ސޯފިއާ އޮތެވެ. އެއަށްފަހު ތުރުކީވިލާތަކީ ސެކިއުލާ ގައުމަކަށް ހެދުމަށް ކުރި މަސައްކަތުގެ ތެރެއިން، 1934 ވަނަ އަހަރު ހާޖިއާ ސޯފިއާ ދާރުލް އާސާރަކަށް ބަދަލު ކުރެވުނެވެ. ހާޖިއާ ސޯފިއާއަކީ ތުރުކީވިލާތަށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަހަރަކު، ގާތްގަނޑަކަށް 3.7 މިލިއަން މީހުން ހާޖިއާ ސޯފިއާއަށް ޒިޔާރަތް ކުރެއެވެ.