ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރޭގައި މިއަދު ސިންގަޕޫރުގައި މިއަދު ކުރިއަށް ގެންދާ އާންމު އިންތިހާބުގައި ވޯޓު ލާ މީހުންނަށް ހާއްސަ ކޮށްފައިވާ ކިއު ދިގުވެ، ގިނަ އިރުތަކެއް ވަންދެން ކިއުގައި މަޑުކުރަން ޖެހުނީ އެއް ފަހަރާ ބޭނުން ކުރުމަށްފަހު އެއްލާލާ އަންގި ބޭނުން ކުރަން އޮތް ގަވައިދުގެ ސަބަބުން ކަމަށް ސިންގަޕޫރުގެ އިންތިހާބުތަކާ ބެހޭ އިދާރާ (އީއެލްޑީ)އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އާންމު ގޮތެއްގައި އިންތިހާބެއްގެ ވޯޓު ލާ މީހުންގެ ކިއުގައި ހޭދަކުރަންޖެހޭ ވަގުތަށް ވުރެ ގިނަ ވަގުތަކެއް ހޭދަކުރަން ޖެހުނު ކަމަށްޓަކައި، އީއެލްޑީން ވަނީ ސިންގަޕޫރުގެ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.
އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ އަންގި ބޭނުން ކުރަން ޖެހުމުގެ އިތުރުން، ވޯޓުލާން އެ ބަޔަކަށް ހާއްސަ ކޮށްފައިވާ ވަގުތުތަކުން ބޭރު ވަގުތުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ މަރުކަޒުތަކަށް ޖަމާވުމަކީވެސް ކިއު ދިގުވެގެން ދިޔަ ސަބަބެއް ކަމަށް އީއެލްޑީން ވަނީ ފާހަގަ ކޮށްފައެވެ.
އީއެލްޑީންވަނީ ވޯޓުލާން ދަފުތަރުވާ ކައުންޓަރުތަކާ، ވޯޓު ކަރުދާން ދޫކުރާ ކައުންޓަރުތަކުގެ އަދަދު އިތުރު ކޮށްފައެވެ.
ސިންގަޕޫރު ގަޑިން ހަވީރު 04:00 ޖެހިއިރު ކިއު ދިގުވުމުގެ މައްސަލައަށް ހައްލު ހޯދުނު ކަމަށާ، ވޯޓު ލާން ހާއްސަ ކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން 70 ޕަސެންޓް މަރުކަޒުގައި އެ ވަގުތު ތިބީ 20 އަށްވުރެ މަދު އަދަދެއްގެ ބައެއް ކަމަށް އީއެލްޑީން ވަނީ ހާމަކޮށްފައެވެ.
ސިންގަޕޫރުގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޮންނަ އެންމެ އަސާސީ ފިޔަވަޅުތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން ޖިސްމާނީ ގައިދުރުކަން އިސްކުރުމާ، އަތުގެ ސާފުތާހިރުކަން ކަށަވަރު ކުރުން ފަދަ ފިޔަވަޅުތަކަށް ބޯލެނބުން އޮތީ ލާޒިމުކޮށްފައެވެ. މީގެ އިތުރުން އަންގި ބޭނުންވާ ފަރާތްތަކަށް އަންގިއާ، ސެނިޓައިޒާ ލިބޭނެ އިންތިޒާމުތައްވެސް ވޯޓުލާ މަރުކަޒުތަކުގަ ވަނީ ހަމަޖައްސާފައެވެ.