ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގަ ދިރިއުޅެމުންދާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާ ދެމުންދާ ޗައިނާގެ ސިޔާސީ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އިއުލާން ކޮށްފިއެވެ.

ޝީންޖިއާންގްގައި ދިރިއުޅެމުންދާ ބައި މަދު ވީގޫރު ދަރިކޮޅާ އެނޫންވެސް މުސްލިމުންނަށް އަމާޒުކޮށްގެން ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ލާއިންސާނީ ޖަރީމާ ހިންގާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މުސްލިމުން ހައްޔަރު ކުރުމަށް ރީހެބިލިޓޭޝަން މަރުކަޒުގެ ގޮތުގައި ޑިޓެންޝަން ކޭމްޕު ހިންގުމާ، ދީނީ ގޮތުން ތަފާތުކޮށް އަދަބު ދިނުމާ، ދަރިމައިނުވާނެ ވަސީލަތްތައް ބޭނުން ކުރަން މަޖުބޫރު ކުރުވައިގެން އާބާދީ މަދުކުރުން ފަދަ ކިތަންމެ ޖަރީމާއެއް ޗައިނާގެ ސަރުކާރުން ދަނީ ހިންގަމުންނެވެ.

މި މައްސަލާގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސަރަހައްދީ 'ބޮސް' ޝެން ކުއާންގޫއޯއާއި އިތުރު 3 އޮފިޝަލެއްގެ މައްޗަށެވެ. މި ފިޔަވަޅު އަމާޒު ކުރީ އެމެރިކާގައި އެ ފަރާތްތަކުގެ މަސްލަހަތު އޮތް މާލީ އެސެޓްތަކަށެވެ. މީގެ އިތުރުން ޝީންޖިއާންގް ޕަބްލިކް ސެކިއުރިޓީ ބިއުރޯއަށްވެސް ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅާފައެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފޮރިން ޕޮލިސީ

ޗައިނާގެ ނުފޫޒުގަދަ ޕޮލިޓްބިއުރޯގެ މެމްބަރުކަންވެސް ކުރަމުން އަންނަ ޝެން އަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު މިހާތަނަށް އަމާޒުވި އެންމެ އިސް އޮފިޝަލެވެ. ބުނެވޭ ގޮތުގައި ޝެން އަކީ ޗައިނާގެ އާބާދީގަ ބައިމަދު ޖަމާއަތްތަކާ ދެކޮޅަށް ސިޔާސަތުތައް އެކުލަވާލުމުގަ އިސްކޮށް ހަރަކާތްތެރިވާ މޭސްތިރިއެވެ.

އެމެރިކާއިންވަނީ ޗައިނާގެ އޮފިޝަލުންނަށް ވިސާ ދޫކުރުމުގައިވެސް ހުރަސްތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މިއީ އޮފިޝަލުންގެ އާއިލާތަކަށްވެސް އަމާޒުވާނެ ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ އިންޒާރު ކުރައްވާފައެވެ.

ޗައިނާއިން އަދިވެސް ދަނީ ޝީންޖިއާންގްގައި މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދޭ ކަމަށް ކުރާ ދައުވާތަކަށް އިންކާރު ކުރަމުންނެވެ. ފާއިތުވީ އަހަރުތަކުގައި މިލިއަނެއްހާ މީހުން ޑިޓެންޝަން ކޭމްޕުތަކުގައި ގެންގުޅުނުއިރު ޗައިނާއިން ބުނާ ގޮތުގަ އެއީ ހައްދުފަހަނައަޅާ ދިއުމާ ވަކިވެގަތުމުގެ ފިކުރުން އެއްކިބާ ކުރުމަށް ހިންގި "ވޮކޭޝަނަލް ތަމްރީނު" ތަކެއް ކަމަށެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ މުސްލިމުންގެ އާބާދީ ކޮންޓްރޯލް ކުރުމަށް ގަތުލުއާންމުގެ ދަރަޖައަށް އަމަލުތަކެއް ހިންގާފައިވާކަމަށް ބުނާ ރިޕޯޓެއް މިދިޔަ މަހު އާންމުކޮށްފަ ވާއިރު، މިކަމާ ގުޅިގެން ތަހުގީގެއް ހިންގުމަށް އދއަށްވެސް ވަނީ ގޮވާލާފައެވެ.