ޖިންސީ ގޯނާއާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޒީރޯ ޓޮލަރެންސް ސިޔާސަތެއް ގެންގުޅުއްވާތީ އެމަނިކުފާނަށް ގިނަ ފަރާތްތަކެއްގެ ތައުރީފު ލިބެމުން އެބަދެއެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް އޮތީ ޒީރޯ ޓޮލަރެންސްކަން ރައީސް ސޯލިހް ހާމަކޮށްދެއްވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އަންގެވުމުންނެވެ.

ރައީސް ސޯލިހަށް ތައުރީފު ކުރައްވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، މަސައްކަތުގެ މާހައުލު ވާންވާނީ ރައްކާތެރި، އަބުރުވެރި ތަނަކަށް ކަމަށެވެ. އަދި މި ފެނިގެން ދިޔައީ މިކަން ކަށަވަރު ކޮށްދެއްވުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުކަން ފާހަގަ ކުރައްވާ ޔުމްނާ ވަނީ މިފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ދިނުމަށް ޖެންޑާ މިނިސްޓްރީއަށާއި ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި އަވަސް އިސްލާހީ ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މައްސަލަ ފެންމަތިވުމާ އެކު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރަކާ މެދު ފިޔަވަޅު އެޅުއްވުމުން ރައީސް މައުމޫން ވަނީ ރައީސް ސޯލިހަށް ޝުކުރު ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަންހެނުންނަށް ޖިންސީ ގޯނާ ކުރުމަކީ މުޖުތަމައުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ހާއްސަކޮށް ސަރުކާރު އޮފީސްތަކުން މިފަދަ ކަންކަން ބަލައިގަނެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އެމްއާރްއެމުން ބުނީ، މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރައާއި ގޯނާއިން ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ކިހާ މުހިއްމު ކަމެއްކަން އަދުގެ ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދީފައި ކަމަށެވެ. އަދި މި އިތުބާރު ރައްޔިތުންނަށް ދެއްވިކަމަށްޓަކައި އެމްއާރްއެމުން ވަނީ ރައީސް ސޯލިހަށް ޝުކުރު ދަންނަވާ އެ ނިންމެވުމަށް ސާބަސް ދަންނަވާފައެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައެއްގައި ސީއެސްސީގެ ކުރީގެ ރައީސް މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވި ކަމަށާއި، ނަމަވެސް އޭރުގެ ސަރުކާރުން އެކަން ބަލައިނުގެން، މައްސަލަ ތަހުގީގުކޮށް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށް ނިންމި ކަމަށެވެ. އެއާ ހިލާފަށް މިއަދު އަންހެނުން ހިމާޔަތް ކުރުމަށް ރައީސް ސޯލިހް ނިންމަވާ ހަރުދަނާ ނިންމެވުންތަކަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.