މިއަދު ކޮވިޑް ޖެހިގެން މަރުވީ އައިޖީއެމްއެޗުން ކޮވިޑަށް ޕޮޒިޓިވްވި މީހެއް ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރޭ ފަތިހު ޑީއެޗް11 ގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ މީހަކު މަރުވިއިރު އެމީހާއަކީ އައިޖީއެމްއެޗުގެ އައިސީޔޫގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެ ޑީއެޗް11 އަށް ބަދަލުކުރި މީހެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އައިޖީއެމްއެޗަށް ކޮވިޑް އައީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އަދި ސާފު ނުވާ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19ގައި މިއަދު ހެނދުނު 4:35 ހާއިރު 80 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2491 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2113 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 12 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 5 ބިދޭސީންނެވެ. 7 ދިވެހިންގެ ތެރޭގައި 3 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 80 އަހަރުގެ ދިވެހި އަންހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެކެވެ. މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.