ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު، އޮޕަރޭޝަން ހުއްޓާލާފައިވާ ރިސޯޓުތަކުގެ ތެރެއިން އަލުން އޮޕަރޭޝަން ފަށާ 30 ރިސޯޓުން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ރާއްޖޭގެ ރިސޯޓުތައް އަލުން ހުޅުވާނެ ތާރީހުތައް އިއުލާންކޮށް މިއަދު އާއްމުކޮށްފައިވާ ލިސްޓުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު، އޮޕަރޭޝަން ހުއްޓާލާފައިވާ ރިސޯޓުތަކުގެ ތެރެއިން އަލުން އޮޕަރޭޝަން ފަށާނީ 30 ރިސޯޓުން ކަމަށެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުމްލަ 38 ރިސޯޓެއްގެ އޮޕަރޭޝަން ފަށާނެކަމަށް ބުނެފައިވެއެވެ.
ޖުމްލަ 157 ރިސޯޓެއް ހިމެނޭ އެ ލިސްޓުގައި ހިމެނޭއިރު، ބޯޑަރު ހުޅުވާލުމަށްފަހު، މި މަސް ނިމުމުގެ ކުރިން އިތުރު ހަތަރު ރިސޯޓެއް ހުޅުވާލާއިރު، އަންނަ އޯގަސްޓު މަހު އިތުރު 25 ރިސޯޓެއް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެ ލިސްޓުގައި ބާކީ ހުރި ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތައް އޮކްޓޯބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ބުނެފައިވެއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުމްލަ 38 ރިސޯޓެއްގެ އޮޕަރޭޝަން ފަށާއިރު އެ ރިސޯޓުތަކުން ޖުމްލަ 7،655 އެނދު އޮޕަރޭޝަނަށް އަންނާނެކަމަށް އެ ލިސްޓުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ 27 މާޗު ގައެވެ. މި އަހަރު ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 382،760 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 646،092 މީހުންނާ އަޅާ ބަލާއިރު 40.8 ޕަސެންޓް ދަށްވުމެކެވެ.