މި ފަހަކައަށް އައިސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތަކެއް ރެކޯޑް އަދަދަކަށް ފެންނަމުންދާ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ބޯޑަރު ބަންދުކޮށް، މުޅި ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ބޯޑަރު ބަންދު ކުރުން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާނީ މާދަމާ ރޭގެ ވަގުތަކުން ފެށިގެން ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވެއެވެ. މިއާއެކު، ޖެހިގެން އޮތް ނިއު ސައުތް ވޭލްސް ސްޓޭޓަށްވެސް ވިކްޓޯރިއާ ސްޓޭޓްގެ ބޯޑަރު ބަންދު ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ވިކްޓޯރިއާ ސްޓޭޓްގެ އިސްވެރިޔާ ޑެނިއަލް އެންޑްރޫޒް މިއަދު ވިދާޅުވީ، އެ ސްޓޭޓްގެ ބޯޑަރު ބަންދުކޮށް ލޮކްޑައުންއަކަށް ދާންޖެހުނީ ކޮވިޑް-19 ޖެހި، އުމުރުން 90 އަހަރުގެ މީހެއްގެ ފުރާނަ ގެއްލި، އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު 21 އަށް އެރުމުން ކަމަށެވެ. މުޅި އޮސްޓްރޭލިއާއިްނ ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 105 އަށް އަރައެވެ.

އޮސްޓްރޭލިއާގެ ިކްޓޯރިއާ ސްޓޭޓްގެ އިސްވެރިޔާ ޑެނިއަލް އެންޑްރޫޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: އަސްނަކާ ރަތުނަޔަކަ

މެލްބަންގެ ޕަބްލިކް ހައުސިންގް ޓަވަރުތަކެއްގައި ދިރިއުޅެމުންދިޔަ 3000 އެއްހާ މީހުން ހަރުކަށި ލޮކްޑައުން އަކަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ މީހުންނަށް އެ ތިބި އިމާރާތްތަކުން ނިކުތުމުގެ ފުރުސަތު ނެތްއިރު، މި ޓަވަރުތަކުގައި ތިބި ހުރިހާ އެންމެން ކޮވިޑް-19އަށް ޓެސްޓު ކުރަންޖެހެއެވެ. މި ޓަވަރުން މިހާތަނަށް 398 ސާމްޕަލެއް ނަގާ، ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވާއިރު، 53 ކޭހެއް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން މުޅި ވިކްޓޯރިއާ ސްޓޭޓްގައި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓު ކުރުމުގެ އޮޕަރޭޝަނުން 127 ކޭސް ވަނީ ފާހަގަ ކުރެވިފައެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓަކީ ވަޒީފާ އަދާ ކުރުމަށާ، މަތީ ތައުލީމު ހާސިލު ކުރުން ފަދަ އެކި ބޭނުންތަކުގައި ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސަރަހައްދެކެވެ.