ކުރިއަށް އޮތް ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާ ކުރާ ފަރާތްތަކުން އަމަލު ކުރުން ލާޒިމު ގައިޑްލައިންތަކާ، ސިއްހީ ގޮތުން ބަލަންޖެހޭ މިންގަނޑުތައް، ސައުދީ އަރަބިއްޔާއިން އެކުލަވާލާ، އާންމު ކޮށްފިއެވެ.
ސައުދީގެ ނޭޝަނަލް ސެންޓާ ފޮ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ޙައްޖު މޫސުމަށް އާންމު ކުރި ޕްރޮޓޮކޯލްތަކުގެ ތެރޭގައި، ސިއްހީ ހިދުމަތްތެރިން އަމަލުކުރަންވީ އުސޫލުތައްވެސް ހިމެނެއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ސައުދީއިން ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދެވޭނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާ ބިދޭސީންގެ ތެރެއިން އެގައުމުގައި މިވަގުތު ތިބި މީހުންނަށް އެކަނި ކަމަށް ބުނެފައެވެ. ކަންމިހެން އޮތް ނަމަވެސް، 10000 މީހުންނަށްވުރެ އިތުރަށް މި ފުރުސަތު ދެވެން ނޯންނާނެ ކަމަށް ސައުދީއިން ވަނީ ބުނެފައެވެ.
ޙައްޖުގެ އަޅުކަމާ ގުޅިގެން ސައުދީއިން އެކުލަވާލި ގައިޑްލައިން މައިގަނޑު ގޮތެއްގައި ގުޅެނީ ދިރިއުޅުމަށް ހާއްސަކޮށްފައިވާ އިމާރާތްތަކާ، ކައިބޮއި ހަދާ ތަންތަނާ، ބޯކޮށާ ތަންތަނަށެވެ. މީގެ އިތުރުން އަރަފާތާ މުޒްދަލިފާ، ޖަމްރާގެ އިތުރުން އަލް-މަސްޖިދު އަލް-ޙަރަމްގައި ކުރެވޭ ނަމާދުތަކަށްވެސް ސައުދީގެ ގައިޑްލައިންގައި ވަނީ އަލިއަޅުވާލާފައެވެ.
ގައިޑްލައިންގައި ވާ ބައެއް ކަންކަމަށް ބަލާއިރު، ޖުލައި 19 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް މިނާ، މުޒްދަލިފާ އަދި އަރަފާތަށް ވަދެވޭނީ ހާއްސަ ޕާމިޓެއް އޮވެގެންނެވެ. މީގެ އިތުރުން އެއް ޙާޖީއަކި އަނެއް ޙާޖީއަކާ އެކި ކަހަލަ ސާމާނާ އާލާތްތައް ހިއްސާ ނުކުރުމަށް އިރުޝާދު ދީފައިވާއިރު، ޖިސްމާނީ ގައިދުރުކަން ބަހައްޓައިގެން ލިފްޓް ބޭނުން ކުރެވޭ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ޖަމާއަތުގައި ނަމާދު ކުރާއިރު މާސްކު ބޭނުން ކުރުމަށާ، ޖިސްމާނީ ގައިދިރު ކަން އެންމެ ރައްކާތެރި މިންގަނޑެއްގައި ބެހެއްޓުމަށާ، މިސްކިތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ޖަމްރާއަށް ހިލަ އުކުމާ، ތޮވާފު ކުރުމުގައިވެސް ކޮންމެ ހާޖީއެއްގެ ދެމެދުގައި 1.5 މީޓަރުގެ ޖާގައެއް ބެހެއްޓުމަށް ސައުދީއިން ވަނީ ކަނޑައަޅާފައެވެ.
ކެއިންބުއިމުގެ އިންތިޒާމުތަކަށް ބަލާއިރު ބޯފެނާ ޒަމްޒަމްފެން ވަކިވަކިން ވަންދުކޮށް، އެއް ފަހަރު ބޭނުންކޮށް އެއްލާލެވޭ ކޮންޓޭނަރުތަކުގައި ފޯރުކޮށްދިނުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން މައްކާގެ މުގައްދަސް ތަންތަނުގައި ހުރި ފުރިޖުތައް ޑިސްއޭބަލް ކުރަންވެސް ޖެހެއެވެ. އަދި ކާބޯތަކެއްޗަކީ ކޮންމެ ހާޖީއަކަށް ވަކިން ޕެކްކޮށްފައިވާ ތަކެތި ކަމުގައިވެސް ވާންޖެހެއެވެ.
ހަމަ މިއާއެކު ކާބޯތަކެތީގެ ސާވް ކުރާ ކޮންމެ ތަނެއްގައި، އަލްކޮހޯލް-ބޭސްޑް ސެނިޓައިޒާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ސައުދީގެ ގައިޑްލައިންގައި ފާހަގަކޮށްފައިވެއެވެ.
ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މުޅި ދަތުރުގައިވެސް ކޮންމެ ހާޖީއަކަށް ހާއްސަ ކުރެވިފައިވާ ބަހެއްގެ ވަކި ސީޓެއް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބަހުން ޖާގަ ދިނުމުގައި އެއް އާއިލާއެއްގެ މެމްބަރުންނަށް އެކުގައި ތިބެވޭނެ ފުރުސަތު، ވީ ވަރަކުން ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެއް ވަގުތެއްގައި އެންމެ ގިނަ ވަގެންވެސް ބަހެއްގައި ދަތުރު ކުރެވޭނީ އެ ބަހެއްގެ ކެޕޭސިޓީގެ 50 ޕަސެންޓަށްވުރެ ފަސެންޖަރުންގެ އަދަދު އިތުރު ނުވާ ގޮތަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ވަކި އެއްޗެއް އަންގަންދެން ޢުމްރާގެ އަޅުކަންވެސް އޮންނާނީ މަޑުޖައްސާލާފައި ކަމަށް ސައުދީއިންވަނީ ބުނެފައެވެ.