އައިޖީއެމްއެޗްގެ އިތުރު ދެ ސްޓާފުންނާއި ދެ ޕޭޝަންޓުން ޕޮޒިޓިވް ވެއްޖެއެވެ.

މިހާރު ކުރިއަށް ދާ އެޗްއީއޯސީގެ ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އައިޖީއެމްއެޗްއިން އިތުރު 2 ސްޓާފުންނާއި ހޮސިޕޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ދެ ބަލި މީހުންވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއީ 6 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އައޖީއެމްއެޗްގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލަ އައިޖީއެމްއެޗް ކޭސް އާ ގުޅިގެން ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކާއި ޓްރީޓަޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ގޮތުން ފިޔަވަތިން ފެނުނު ޕޮޒިޓިވް ކޭސްއަކީ އައިޖީއެމްއެޗް ކޭސްއާ ގުޅުން ހުރި ކޭސްއެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެއީ އައިޖީއެމްއެޗަގައި އޮތް ބަލި މީހެއްގެ އާއިލާ މީހެއް ކަމށް ނަޒްލާ ވިދާޅުވިއެވެ.

މިއަދ ކޮވިޑަށް 33 މިޙުން ޕޮޒިޓިވްވެ 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ 3 މީހެކެވެ.