ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އިއުލާން ކުރި ލޮކްޑައުންގެ އަމުރާއެކު ކާބޯތަކެއްޗާ ހޮސްޕިޓާލިޓީ ސިނާއަތަށް ލޮޅުން އެރިއެއް ކަމަކު، ލޮކްޑައުން ވެފައިވަނީ، މީގެ ކުރިން ފެނިފައި ނުވާ އެތައް 'ކައްކާއިންނެއް' ހާމަކޮށްދިން ކަމަކަށް ކަމަށް އިންޑިއާގެ ސެލެބްރިޓީ ޝެފް އަދި މާސްޓާ ޝެފްގެ ޖަޖު ކުނާލް ކަޕޫރު ބުނެފިއެވެ.
ކުނާލް ކަޕޫރު ބުނީ، ލޮކްޑައުންއެކު ގޭގައި ހުރިހާ ވަގުތެއް ހޭދަކުރަން ޖެހުމުން، ކެއްކުމުގެ ހުނަރު ސޯޝަލް މީޑިއާގައި ސާބިތު ކޮށްދިނުމާ ދިމާލަށް ގިނަ ބަޔަކު މިސްރާބު ޖެހި ކަމަށާ، މި ގޮތުން ފާހަގަ ކުރެވުނު ބައެއް އުފެއްދުންތަކަކީ ގޯމޭ ފެންވަރުގެ ޑިޝްތަކެއް ކަމަށެވެ.
ލޮކްޑައުންނާއެކު ރެސްޓޯރަންޓްތައް ބަންދުވި ނަމަވެސް މޮޅު ކެއުމަކަށް އިންސާފު ކުރުމުގެ ބޭނުން ނުކެނޑުމުގެ ސަބަބުން ގޭގައި އެ ފެންވަރުގެ ކެއުންތައް ތައްޔާރުކުރި މޮޅެތި ޝެފުންތަކެއް ފެނިގެން ހިނގައްޖެކަންވެސް ކުނާލް ކަޕޫރު ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ ކުރިއަރާ ދިއުމަށް އެ ބަޔަކަށް ހިތްވަރު ދޭންޖެހޭ ކަމެއް ކަމަށްވެސް ކުނާލް ކަޕޫރު ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ގޭގައި ތައްޔާރު ކުރާ ކާބޯތަކެއްޗަކީ ސާފުތާހިރުކަން އިތުރަށް ކަށަވަރު ކޮށްދޭ ބާވަތްތަކެއް ކަމަށާ، ގޭގައި ކައްކާއިރު ފައިދާހުރި މާއްދާތައްވެސް މާގިނައިން ބޭނުން ކުރެވޭ ކަން ކުނާލް ކަޕޫރު ވަނީ ފާހަގަކޮށްފައެވެ. އަދި ކެއުމުގެ ކުރިން ކޮންމެ އެއްޗެއްވެސް ދޮވެގެން މެނުވީ ނުކެއުމުގެ އާދަވެސް މިހާރު ހަރުލަމުން އަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ބަލާލި ކަމުގައި ވީ ނަމަވެސް، މީގެ ކުރިން ފާހަގަ ކުރެވިފައި ނުވާ މޮޅު ކެއްކުންތެރިންތަކެއް ވަނީ ލޮކްޑައުން ތެރޭގައި ފެނިފައެވެ.