ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރެއަށް، ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ވަތްތާ ގަޑިއިރެއްހާއިރުވެސް ނުވަނީސް އަވަނެއް ދޮން ކުރުމަށް އޯޑަރު އައި ކަމަށް އެ ކޮންސިއުލޭޓްގައި މަސައްކަތް ކުރި މުވައްޒަފަކު، ތުރުކީވިލާތުގެ ކޯޓެއްގައި ބުނެފިއެވެ.

ސައުދީ ކޮންސިއުލޭޓްގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރި ޒަކީ ދިމީރް ކޯޓުގައި ހެކި ބަސް ދެމުން މިކަން ހާމަ ކުރީ، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 20 އޮފިޝަލަކާ ދެކޮޅަށް ޣައިރު ހާޒިރުގައި ތުރުކީވިލާތުން ކުރިއަށް ގެންދާ ޝަރިއަތުގެ މަޖިލީހުގައެވެ.

ދިމީރު ކިޔައިދިން ގޮތުގައި ސައުދީގެ ކޮންސިއުލާ ޖެނެރަލް ދިރިއުޅުއްވަމުން ދިޔަ ގެއަށް ދިއުމަށް އޭނާއަށް އޯޑަރު އައީ، އެ އިމާރާތާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ކޮންސިއުލޭޓް އޮފީހަށް ޚަޝޯގީ ވަތްތާ މާ ގިނަ އިރެއް ނުވަނީހެވެ.

"އެތާ ތިބޭނެ 5 ނޫނީ 6 ވަރަކަށް މީހުން... އެމީހުން އެންގީ ތަންދޫރު އަވަން ރޯކުރަން. މަސްރަހު އޮތީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ" ދިމީރު ކިޔައިދިނެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ވަރި/ކައިވެނީގެ ލިއެކިއުންތަކެއް ހަމަޖެއްސުމަށް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ވަތް ފަހުން ޚަޝޯގީއަށް ވީ ގޮތެއް އެއްވެސް މީހަކަށް ނޭނގެއެވެ. ނަމަވެސް އޭނާ މަރުވެފައިވާކަމަށް ސައުދީއިން މިހާރު އިއުތިރާފުއެވެ. އެކަމަކު، އެ މައްސަލާގައި އެންމެ ގިނަ ބަޔަކު ތުހުމަތުގެ އިނގިލި އަމާޒު ކުރަމުންދާ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ގެ ދައުރެއް އެކަމުގައި ނުވާނެ ކަމަށް ސައުދީއިން އަދިވެސް ދަނީ ބުނަމުންނެވެ.

އެ ފަސްގަނޑުގައި އެ ގަތުލުގެ އަމަލު ހިންގި ތުރުކީވިލާތުގެ ފުލުހުން ގަބޫލުކުރާ އެއް ނަޒަރިއްޔާ ބުނާ ގޮތުގައި، ނޭވާ ހާސްކޮށް ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށްލައިގެން ވަކިކޮށްލީއެވެ. އަދި އެ ބައިތައް ނައްތާލިއެވެ.

ފިހަން އުލަށް ހަރާފައިވާ މަސްތަކެއް

ޚަޝޯގީގެ މަރާ ގުޅިގެން ތުރުކީވިލާތުން ހުކުރު ދުވަހު ފެށި ތަހުގީގަށް ބަޔާން ދެމުން ދިމީރު ބުނީ ކޮންސިއުލް ރެސިޑެންސްގައި ރޯކުރި އަވަނުގެ އިތުރުން، ފިހަން އުލަކަށް ހަރާފައިވާ މަސްތަކަކާ، ކުޑަ ބާބަކިއުއެއްވެސް އެ އިމަރާތުގެ ބަގީޗާ ތެރެއިން އޭނާއަށް ފެނިފައި ވާ ކަމަށެވެ.

ރޯކުރި އަވަންގެ ވަށައިގެން ޖަހާފައިވާ ހިލަތަކުގެ ކުލަތަކަށް ބަދަލު އައިސްފައި ވާކަމަށާ، ބަލާ ބެލުމަށް، އެއީ ބާރުގަދަ ކެމިކަލެއް ބޭނުންކޮށްގެން ދޮވެ ސާފު ކުރުމުގެ ސަބަބުން ކުލައަށް އައިސްފައިވާ ބަދަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ކޯޓަށް ދިން ބަޔާނުގައި ދިމީރު ވަނީ ފާހަގަކޮށްފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް/ފޮޓޯ: އޭއެފްޕީ

ކޮންސިއުލާ ޖެނެރަލްގެ ގަރާޖު ދޮރު ހުޅުވަން އެހީވެދީފަ ވާނެ ކަމަށާ، ކަޅު ބިއްލޫރި ޖެހި ކާރެއް ވަނުމާއެކު ބަގީޗާ ސަރަހައްދު ދޫކޮށްދިއުމަށް އޭނާއަށް އަމުރު އައިކަމަށްވެސް ދިމީރު ވަނީ ކިޔައިދީފައެވެ.

ހުކުރު ދުވަހު ކޯޓަށް ބަޔާން ދިން ހެކިންގެ ތެރޭގައި ސައުދީގެ ކޮންސިއުލާ ޖެނެރަލްގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހާވެސް ހިމެނެއެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި، އެ ދުވަހު ރެސްޓޯރަންޓަކުން ރޯ ކަބާބު ނުވަތަ ފިހަން ތައްޔާރުކޮށްފައިވާ މަސްފޮތިތަކެއް ގެނައުމަށް އޭނާއަށް އޯޑަރު އައެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ބައިނަލްއަގުވާމީ މީޑިއާއަށް އަދި ތިލަވެފައެއް ނުވެއެވެ.

ސައުދީގެ ޝާޙީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއު ކުރަމުންދިޔަ ޚަޝޯގީގެ މަރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގެ މިނިވަން ތަހުގީގެއް ހިންގުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސައުދީއިން ވަނީ އެކަމަށް ފުރުސަތު ދިނުމަށް އިންކާރު ކޮށް، ސައުދީގެ ފަސްގަނޑުގައި ޝަރިއަތް ކުރިއަށް ގެންގޮސް، 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

ޚަޝޯގީގެ ފިރިހެން ދަރިންވަނީ ބައްޕަގެ ގާތިލުންނަށް މައާފު ދީފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޚަދީޖާ ޖެންގީޒް އަދިވެސް ދަނީ ޚަޝޯގީގެ ގަތުލަށް އިންސާފު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.