ރޭޕް ކުރުމާ ދެކޮޅަށް އަނެއްކާވެސް މިއަދު މާލޭގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
މި އެއްވުން ވެސް ބާއްވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު މާލޭގައި ރޭޕް އާއި ދެކޮޅަށް އެއްވުމެއް ބާއްވާފައިވާ ވޮއިސް އޮފް ޗިލްޑްރަން އިންނެވެ. މި އެއްވުންވެސް ބާއްވަން ހަމަޖައްސާފައި ވަނީ ޖެންޑާ މިނިސްޓްރީ ދޮށުގައެވެ. އެއްވުން އޮންނާނީ މިއަދު ހަވީރު 16:00ގައެވެ.
ނަމަވެސް އެއްވުމަށް ދާ އިރު އެކަކު އަނެކަކުގެ ރައްކާތެރި ކަމަށްޓަކައި މާސްކު އެޅުމަށާއި އަދި އެއްވުން ކުރިޔަށް ދާއިރު އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވި އެއްވުމުގައިވެސް ގިނަ ބަޔަކު ވަނީ ބައިވެރި ވެފައެވެ. މިއަދު އަނެއްކާވެސް އެއްވުމަށް ނިންމާފައި ވާއިރު ރާއްޖޭގައި ރޭޕް ކުރުމުގެ މައްސަލަތައް މިފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން ދާދިފަހުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ފުރަތަމަ ފެންމަތިވީ ރޭޕްގެ މައްސަލައެއްގެ ގޮތުގައެވެ. އޭގެ ފަހުންވެސް 18 އަހަރު ނުފުރޭ ކުޑަ ކުދިންތަކެއް ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު ދެ ކުއްޖަކު ބަނޑުބޮޑުވެފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.