ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާ އަދި ޗައިނާއާއި ދެމެދު ނުތަނަވަސްވެފައިވާ ސަރަހައްދީ އިމުގެ ސަރަހައްދަށް، އިންޑިއާގެ ހިންދޫ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުއްލި ދަތުރުފުޅެއް ކުރައްވައިފިއެވެ.

ލަދަކް ސަރަހައްދަށް މިއަދު ހެނދުނު މޯދީ ކުރެއްވި ދަތުރުފުޅުގައި، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރާވާތްއާއި ޗީފް އޮފް އާމީ ސްޓާފް މަނޯކް މުކުންދް ނަރަވަނޭ ވަނީ ބައިވެރިވެޑައިގެންފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

ލަދަކް ސަރަހައްދަށް މޯދީ ކުރެއްވި މި ދަތުރުފުޅަކީ ޗައިނާއާއި ދެމެދު ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ޚަބަރު ލިބެއެވެ.

މި ސަރަހައްދުގައި ކަން ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ ތަފްސީލުތައް މޯދީއަށް ފޯރުކޮށްދެވިގެންދާއިރު، މިއަދުގެ ނިޔަލަށް މި ދަތުރުފުޅު ދިގުދެމިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

އޭޝިއާ ސަރަހައްދުގެ އެންމެ ނުފޫޒު ގަދަ 2 ބާރުގެ ގޮތުގައި އޮތް އިންޑީއާއާއި ޗައިނާ ދެމެދު ނުތަނަވަސްކަން އުފެދި، އިންޑިއާގެ ސަލާމަތީ ބާރުތަކުގެ އޮފިސަރުންތަކެއް ފުރާނަ ގެއްލި ދިއުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާއިރު، ދެ ގައުމުންވެސް މިހާރު ދަނީ ޑިޕްލޮމެޓިކް އިމުގެ ތެރެއިން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.