ތިރީސް އަހަރަށް ފަހު އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުމަށް ފަހު ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީ އަތުން 4-0 އަކުން ބަލިވެއްޖެއެވެ.
މި މެޗު ފެށުމުގެ ކުރިން ލިވަޕޫލަށް ޗެމްޕިއަން ކަން ލިބުމުން ސިޓީގެ ކުޅުންތެރި ވަނީ އެޓިމަށް 'ގާޑް އޮފް އޮނާ' އެއް ދީފައެވެ.
މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް އުފެއްދީ ސިޓީއިންނެވެ.
މިގޮތުން މިހާރު ސިޓީއަށް ކުޅޭ އަދި ކުރިން ލިވަޕޫލްއަށް ކުޅުނު ރަހީމް ސްޓާލިންގްގެ ކުޅުން ފާހަގަކޮށް ލެވުނު އިރު ސިޓީގެ ފުރަތަމަ ލަނޑު ޖެހީ އޭނާ ޓީމަށް ހޯދައިދިން ޕެނަލްޓީއަކުން ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރަައިނާއެވެ. ސްކޯ 2-0 އަކަށް ހެދީ ސްޓާލިންގްއެވެ. އެ ލަނޑުގެ ކުރިން ވެސް ސިޓީގެ ރީތި ކުޅުންތަކެއް ފެނިގެން ދިޔައެވެ.
ޗެމްޕިއަން ލިވަޕޫލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަަކެއް ނުހޯދުނު އިރު ހާފް ޓައިމް އަންނަން ވާ އިރަށް ސިޓީ އޮތީ 3-0 އަކުން ކުރީގައެވެ. އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ޑެބްރައިނާގެ މޮޅު ޕާހަކުން ފިލް ފޯޑަންއެވެ.
ދެވަނަ ހާފްގައި ވެސް ލިވަޕޫލްގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު އިރު ސްޓާލިންގް ޖެހި ޝޮޓު އަމިއްލަ ގޯލަށް ވައްދާލީ ދެވަނަ ހާފްގައި ކުޅެން ނިކުތް އިނގިރޭސި މިޑްފީލްޑަރު އެލެކްސް އޮކްސަލޭޑް ޗެމްބަލީންއެވެ.
މިިދިޔަ ދެ ސީޒަންގައި ލީގު ތަށި ހޯދި ސިޓީއިން ރޭގައި ހޯދި މި މޮޅަކީ ބޮޑު ތަފާތަކުން ލިވަޕޫލް ލީގު ކަށަވަރުކުރުމުން ބަދަލު ހިފުމުގެ ގޮތުން ހޯދި ނަތީޖާއަކަށްވާނެ އިރު އަންނަ ސީޒަންގައި ވެސް މިފަދަ ވާދަވެރި ކުޅުމެއް ދައްކާނެ ކަމަށް ލިވަޕޫލަށް ދިން އިންޒާރަކަށް ވެސް ވެދާނެއެވެ.
މިއީ މިސީޒަންގައި ލިވަޕޫލް ދަށްވި ދެވަނަ ފަހަރެވެ. ބާކީ ހަތް މެޗު އޮއްވާ ލިވަޕޫލުން ލީގު ކާމިޔާބުކޮށްފައިވަނީ 28 މެޗުން މޮޅުވެ ދެ މެޗުން ދަށްވެ ދެ މެޗުން އެއްވަރު ވެގެންނެވެ.