ޚުދުމުޚުތާރު ކޮމިއުނިސްޓް ޗައިނާގެ މައި ސަރުކާރުގެ ބާރުގެ ދަށުގައި ފިތެމުންދާ ހޮންގްކޮންގްގެ 3 މިލިއަނެއްހާ ރައްޔިތުންނަށް އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށް، ރަށްވެހިކަމަށް އެދުމުގެ ފުރުސަތު ދެއްވާނެ ކަން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އެތައް އަހަރެއް ވަންދެން އޮތް ހޮންގްކޮންގް، ޗައިނާގެ މައި ސަރުކާރާ ހަވާލުކުރީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން ހޮންގްކޮންގްގައި ބާރު ހިންގަމުން އަންނަނީ ޗައިނާގެ ކޮމިއުނިސްޓް މައި ސަރުކާރުންނެވެ. ޗައިނާގެ މައި ސަރުކާރުން ބުނާ ގޮތުގައި ހޮންގްކޮންގްއަކީ މައި ސަރުކާރުގެ ދަށުން ހިންގާ އިދާރީ ދާއިރާއެކެވެ.

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ތެރެއިން/ފައިލް ފޮޓޯ: ކިން ޗެއުންގް

ނަމަވެސް ހޮންގްކޮންގްގެ ރައްޔިތުން ދަނީ ފުރިހަމަ މިނިވަންކަމާ އިސްތިގުލާލާ، ޑިމޮކްރަސީއަށް ވަކާލާތު ކުރަމުންނެވެ. ފާއިތުވީ އަހަރެއްހާ ދުވަހު މި އަޑު އިންތިހާއަށް ގަދަވެ، ހޮންގްކޮންގްގެ ރައްޔިތުން ކެނޑިނޭޅި މުޒާހަރާތަކަށް ނިކުންނަމުންދަނިކޮށް، ޗައިނާއިން ހުސްވި ހަފުތާގައިވެސް ވަނީ ހޮންގްކޮންގްގެ މައްޗަށް އިތުރު ބާރުތަކެއް ހިންގޭ ގޮތަށް، ސަލާމަތާ ބެހޭ ގާނޫނެއް ތަސްދީގުކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ މި ގާނޫނަކީ ހޮންގްކޮންގްގެ މިނިވަންކަމަށް އަނިޔާދޭ ގާނޫނެއް ކަމަށާ، މިކަމުގެ ސީދާ އަސަރު ކުރާ ފަރާތްތަކަށް ހޮންގްކޮންގްއިން ނިކުމެ، އިނގިރޭސިވިލާތުގައި ވަޒަންވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ހޮންގްކޮންގްގައި މިހާރުވެސް އިނގިރޭސި ޕާސްޕޯޓް އޮންނަ 350000 އެއްހާ މީހުން ތިބިއިރު، މިމީހުންނާ އަދިވެސް އިތުރު 2.6 މިލިއަނެއްހާ މީހުންނަކީ މި ފުރުސަތަށް ކުފޫ ހަމަވާ މީހުން ކަމަށާ، ކުރިއަށް އޮތް 5 އަހަރެއްހާ ދުވަހު އެ މީހުންނަށް އިނގިރޭސިވިލާތުގައި އުޅެވޭނެ އިންތިޒާމު ހަމަޖެހިދާނެ ކަމަށް ޚަބަރު ލިބެއެވެ. 5 އަހަރު ހަމަވެ، 1 އަހަރު ފާއިތުވުމުން އިނގިރޭސިވިލާތުގެ ރަށްވެހިކަމަށް އެދި ހުށަހަޅުމުގެ ފުރުސަތު މި އެންމެނަށްވެސް އޮންނާނެއެވެ.

ހޮންގްކޮންގް މުޒާހަރާގެ ބައިވެރިން ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ގެއްލުން ދެނީ/ފައިލް ފޮޓޯ: އެސްސީއެމްޕީ

ޖޯންސަން ވިދާޅުވީ، ޗައިނާގެ މައި ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ގާނޫނަކީ 1985 ވަނަ އަހަރު އިނގިރޭސިންނާއި ޗައިނާއާ ދެމެދު އެކުލަވާލި ގުޅިފައިވާ ގަރާރާ ހިލާފު ގާނޫނެއް ކަމަށެވެ. މި ގަރާރަކީ، 1997 ވަނަ އަހަރުފަހު ފުރިހަމަ އިސްތިގުލާލު ލިބުމުން ކުރިއަށް އޮތް 50 އަހަރު ދުވަހަށް ޗައިނާއަށް މިނިވަންކަން ލިބިދޭ އިހުތިސޯސްތައް ބަޔާން ކުރާ ގަރާރެކެވެ.

ބޮޑުވަޒީރު ޖޯންސަންގެ ނިންމެވުން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވިދާޅުވީ، އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރުމަށް އެދެން އޮންނާނީ ލުއި މަރުހަލާއެއް ކަމަށާ، ކޯޓާއެއްވެސް ކަނޑައަޅާފައި ނުވާނެ ކަމަށެވެ. މިއީ ހޮންގްކޮންގްގެ ރައްޔިތުންގެ ހައްގަށްޓަކައި އިނގިރޭސިވިލާތުގެ މައްޗަށް އޮތް ޒިންމާގެ ދަށުން ކޮށްދޭ ކަމެއްކަންވެސް ރާބް ވަނީ ފާހަގަކުރައްވާފައެވެ.

ހޮންގްކޮންގްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ރަޔަޓް ގިޔަރުގައި ފުލުހުން ފޯރިމަރަނީ/ފައިލް ފޮޓޯ: އިންޓަނޭޝަނަލް ނިއުސް

އަންގާރަ ދުވަހު ތަސްދީގުކުރި ހަރުކަށި ގާނޫނުގެ ދަށުން މިހާރުވެސް ޗައިނާގެ މައި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި، ހޮންގްކޮންގްގެ މިނިވަންކަމަށް ގޮވާލާ މީހުން ގެންގުޅޭ ރަމްޒީ ދިދަ ހިފައިގެން އުޅުނު މީހަކު ހިމެނޭއިރު، މި ގާނޫނުގެ ދަށުން އަންނަ ހުކުމްތަކުގައި އުމުރު ދުވަހު ޖަލުގައިވެސް އޮންނަން ޖެހިދެއެވެ.