ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން މާދަމާއިން ފެށިގެން ވިޔަފާރި ކުރާ ތަންތަނަށް ވިޔަފާރި ކުރެވޭނީ ރޭގަނޑު 10:00 އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މާލެ ހުލޫމާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތަކާއި، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަތުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރާ ފަރާތްތަކާއި ޑެލިވަރީ ހިދުމަތްދޭ ފަރާތްތައް އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ގަޑިތަކުގައި އިތުރު ހުއްދައެއް ނުނަގާ ވިޔަފާރި ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ކެފޭ ރެސްޓޯރަންޓް، ސައިހޯޓާ ފަދަ ތަންތަން ހުޅުވައިގެން ކަސްޓަމަރުންނަށް ވަދެ ހިދުމަތް ހޯދުމުގެ ހުއްދަ ވެސް ވަނީ ދިފައެވެ. ހަމައެއާއެކު ބޯކޮށާ ތަންތަނާއި ސެލޫންތައްވެސް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި މީހުން ނުކުމެ އުޅޭވޭނ ވަގުތުވެސް ވަނީ މާދަމާއިން ފެށިގެން އިތުރު ކޮށްފައެވެ. އެ ގޮތުން މާދަމާއިން ފެށިގެން ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 11:00 އާ ދެމެދު ހުރިހާ ފޜާތްތަކަށްވެސް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެެ.