ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް އަންނަ ބުރާސްފަތި ދުވަހު ހާއްސަ ފްލައިޓެއް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. އެގޮތުން މި ފްލައިޓްގައި 200 ދިވެހިން ގެނައުމަށް ޖާގަ ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ފްލައިޓްގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އެކަން އެންގުމުން އިންތިޒާމްތައް ހަމަޖައްސައި ދޭނެއެވެ. އެ މީހުން އަންނާނީ އަމިއްލަ ހަރަދުގައި ޓިކެޓް ގަނެގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ލަންކާ ބޯޑަރު ހުޅުވާލާ ދަތުރުތައް ފަށާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ފޮރިން މިނިސްޓްރީން ގެންދަނީ ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އާއި ގުޅިގެން ހާއްސަ ދަތުރުތަކެއް ކުރަމުންނެވެ. މި ދަތުރުތަކަށް ގައުމުތަކުގެ ބޯޑަރު ހުޅުވާލަނީ ފޮރިން މިނިސްޓްރީން އެ ގައުމުތަކުގެ ސަރުކާރާ ކުރާ މަޝްވަރާގެ ތެރެއިންނެވެ.