ޗައިނާގެ މައި ސަރުކާރުން ހޮންގްކޮންގްގެ މައްޗަށް އިތުރު ބާރާ ނުފޫޒު ފޯރުވޭ ގޮތަށް އޮތް ސަލާމަތާ ބެހޭ ގާނޫނު، ޗައިނާއިން ފާސްކޮށްފިއެވެ.

ހޮންގްކޮންގްއަކީ ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގާ އިދާރީ ވަކި ދާއިރާއަކަށް ވާއިރު، މި ބަދަލާއެކު ހޮންގްކޮންގްގެ އިސްތިގުލާލީ މިނިވަންކަމާ މެދު އިތުރު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

ޗައިނާއިން އަލަށް ފާސްކުރި ސަލާމަތާ ބެހޭ ގާނޫނަކީ، އެހެން ގާނޫނެއްގެ މައްސަލާގައި ޗައިނާ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެކުލަވާލި ގާނޫނެކެވެ.

އާ ގާނޫނަށް ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، މި ގާނޫނަކީ ހޮންގްކޮންގްގެ އައިޑެންޓިޓީއަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއީ ހޮންގްކޮންގަށް ލިބިދީފައިވާ ޝަރުއީ މިނިވަންކަމާ، ޗައިނާގެ މައި ސިޓީގައި ނެތް، ނަމަވެސް ހޮންގްކޮންގް ސިޓީއަށް އޮތް ހާއްސަ މިނިވަންކަމުގެ އިމަށް ހުރަސްއަޅާ ގާނޫނެއް ކަމަށް ބުނެވެއެވެ.

ޗައިނާއިން މިއަދު ފާސްކުރި ބިލް ނުވަތަ އާ ގާނޫނުގެ ދެލޮ ކޮޕީއެއް އަދި މިހާތަނަށް އާންމު ކޮށްފައި ނުވާއިރު، ހޮންގްކޮންގްގެ ރަށްވެހިން އަމަލުކުރަންޖެހޭނީ ކޮންކޮން ކަންތައްތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

އިނގިރޭސިންގެ ބާރުގައި ދަށުގައި އެތައް ޒަމާނެއް ވަންދެން އޮތް ހޮންގްކޮންގް، ޗައިނާގެ މައި ސަރުކާރާ ހަވާލުކުރީ 1997 ވަނަ އަހަރުއެވެ. ހާއްސަ އެއްބަސްވުމެއްގެ ދަށުން ހިނގާދިޔަ ކަންތައްތަކާއެކު 50 އަހަރު ދުވަހުގެ މުއްދަތަށް، ހާއްސަ ހައްގުތަކެއްވެސް އޮތީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކަކީ ހޮންގްކޮންގެގެ ރަށްވެހިންގެ މިނިވަންކަމަށް އުނިކަން ލިބޭފަދަ ފިޔަވަޅުތަކެއް ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ސިފަކުރަމުންދާއިރު، ޗައިނާއިން ދަނީ އެ ގައުމުގެ ދާހިލީ ކަންކަމާ އެހެން މީހުން ނުބެހުމަށް ގޮވާލަމުންނެވެ.