އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސްއާ ބައްދަލުކުރި މެޗުން 1-0 އަކުން ބާންލީ ކާމިޔާބުކޮށްފިއެވެ. މިއީ ސީޒަން އަލުން ފެށިފަހުން ބާންލީ ކުޅުނު ތިން ވަނަ މެޗަށް ވީ އިރު ރޭގެ މޮޅާއެކު އެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން މިވަނީ ޖެހިޖެހިގެން މޮޅުވެފައެވެ.
ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ބާންލީއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ބެންމީ އެވެ. މެޗުގެ 62 ވަނަ މިނެޓްގައި އޭނާ މި ލަނޑު ކާމިޔާބުކޮށް ދިނީ އޭޝްލީ ވެސްޓްވުޑް ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގައި ޕެލަސްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޑިފެންޑަރު ގެރީ ކޭހިލްއަށެވެ.
ރޭގެ މޮޅާއެކު ބާންލީ މިވަނީ ތާވާލުގެ އަށްވަނަ ޖެހިލާ އަންނަ ސީޒަންގައި ޔޫރަޕާ ލީގުގައި ކުޅެލަން ލިބުމުގެ ފުރުސަތު އިތުރުކޮށްފައެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބާންލީގެ ކޯޗު ޝޯން ޑައިޝް ބުނީ ޓީމުގެ ކުޅުންތެރިންނާ މެނޭޖްމަންޓް އޮތީ ޓީމު އިތުރު އުސްމިންތަކަކަށް ގެންދިއުމަށް ބުރަ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ކަމަށެވެ.
ޖެހިޖެހިގެން ދެ މެޗުން ބަލިވި ނަމަވެސް ކްރިސްޓަލް ޕެލަސް އޮތީ ތާވާލުގެ 11 ވަނައިގައެވެ.