ސިލްސިލާ ގޮތެއްގައި ވައްކަންކޮށް، ރޭޕްކުރުމާ އެވަރުން ނުފިގެން މީހުން މެރުމުގެ ޖިނާއީ ޖަރީމާ ހިންގައިގެން "ގޯލްޑަން ސްޓޭޓް ކިލާ"ގެ ގޮތުގައި މުޅި އެމެރިކާ ސިފަކުރަމުން އަންނަ ކުށްވެރިޔަކީ އޭނާ ކަމަށް، އެމެރިކާގެ ފުލުހެއްގެ ގޮތުގައި ކުރިން ހިދުމަތް ކުރި ޖޯސެފް ޑީއެންޖެލޯ އިއުތިރާފުވެއްޖެއެވެ.

އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވުމަށް އެމެރިކާގެ ޕްރޮސެކިއުޓަރުންނާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، ޑީއެންޖެލޯވަނީ 13 މީހެއްގެ ގާތިލަކީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.

1970 އާއި 80ގެ އަހަރުތަކުގައި މި ޖަރީމާތައް ހިންގިއިރު އޭނާ ދިޔައީ އެމެރިކާގެ ކެލިފޯނިއާގައި ފުލުހުންގެ ތެރޭގައި 'ހިދުމަތް' ކުރަމުންނެވެ.

އޭނާއަކީ

މި ކުއްތަކާ ގުޅިގެން 2018 ވަނަ އަހަރުގެ ތެރޭގައި ޑީއެންޖެލޯ ހައްޔަރު ކުރެވުނީ، އާއިލީ ވަންހައާއި ގުޅޭ ދިރާސާތަކާ ހޯދުންތައް ހޯދާ ޖީނޮލޮޖީ ވެބްސައުޓަކުން ލިބުނު ޑީއެންއޭ ހެކިތަކަކަށް ބަލައިގެންނެވެ.

ޑީއެންޖެލޯ އޭނާގެ ކުށްތަކަށް އިއުތިރާފުވި ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ޔުނިވާސިޓީއެއްގެ ބޮޑު ހޯލެއްގައެވެ. އެއީ އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުންގެ އާއިލާތަކަށްވެސް އެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އުމުރުން 74 އަހަރުގެ ޑީއެންޖެލޯ ވަނީ ގިނަ އަދަދެއްގެ ބަޔަކު ރޭޕްކޮށްފައިވާނެ ކަމަށާ، އަދިވެސް އިތުރު ކުށްތަކަށް އަރައިގެންފައިވާނެ ކަމަށް އިއުތިރާފުވެފައެވެ.

މި ޝަރީއަތަކީ 1970ގެ އަހަރުތަކުން ފެށިގެން ހިންގަމުން އަންނަ ތަހުގީގުތަކާ ގުޅުންހުރި ޝަރީއަތަކަށްވާއިރު، އެކި ދުވަސްވަރު، މުޅި ދުނިޔޭގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ.

ޑީއެންޖެލޯ ވަނީ މުޅި ކެލިފޯނިއާގެ އެކި ހިސާބުތަކުގައި ބޮޑެތި ކުއްތަކަކަށް އަރައިގެންފައެވެ. މިފަދަ ބައެއް ހާދިސާތަކަށް މަޝްހޫރު ވަނަންތަކެއްވެސް ވަނީ ދީފައެވެ. އެގޮތުން "ވިސޭލިއާ ރޭންސެކާ"، "ޑައެމަންޑް ނޮޓް ކިލާ"، "އޮރިޖިނަލް ނައިޓް ސްޓޯކާ" އަދި "އީސްޓް އޭރިއާ ރޭޕިސްޓް" ފަދަ ނަންތައް ފާހަގަކުރެވެއެވެ. މިހުރިހާ ކަމަކީވެސް އެކެއްގެ މަސައްކަތްކަން ފުލުހުންނަށް ރެއަކާލީ އަދި މާ ފަހުންނެވެ.

ވިއެޓްނާމް ހަނގުރާމާގައި އެމެރިކާ އަސްކަރިއްޔާއަށްވެސް ހިދުމަތްކުރި ޑީއެންޖެލޯއަކީ ކާރު ހަދާ މީހެއްވެސްމެއެވެ. އޭނާ އަތުލުމަށް ފުލުހުން ވަނީ 1800 ވަނަ އަހަރުން ފެށިގެން އާއިލީ ވަންހަ ދެނެގަތުމަށް 'ފެމިލީ ޓްރީ'އެއް ތައްޔާރުކޮށްފައެވެ. އޭގެ ފަހުން ތަހުގީގު ޓީމުގެ މެމްބަރުން ވަނީ ޑިއެންޖެލޯއަށް ފާރަލާފައެވެ. ހަގީގީ ގާތިލަކީ ޑިއެންޖެލޯކަން ފުލުހުން ކަށަވަރުކޮށް އޭނާ ހައްޔަރުކުރީ، ޑިއެންޖެލޯ އުކާލި ކުނިތަކެއްގެ ތެރެއިން ފެނުނު ޑީއެންއޭއާއި، ކުށުގެ ވެށިތަކުން ލިބިފައިވާ ޑީއެންއޭއާއި ދިމާވި ހިސާބުންނެވެ. އެހާ ހިސާބުން ފެށިގެން ޑިއެންޖެލޯ ހައްޔަރުކޮށް، ބަހައްޓާފައި ހުންނަނީ އެކަހެރި ޖަލެއްގައެވެ.

ޑިއެންޖެލޯ ބުނި ގޮތުގައި އޭނާ ހުރިހާ ކުށަތަކަށް އަރައިގަނެ އެ ޖަރީމާތައް ހިންގީ، "ޖެރީ"ގެ ސަބަބުން ކަމަށާ، އެއީ އޭރު އޭނާގެ ބޮލު ތެރޭގައި އުޅުނު ދެވަނަ މީހެއް ކަމަށެވެ. މިހާރު އޭނާއަށް "ޖެރީ"ގެ ކިބައިން ސަލާމަތްވެވިފައި ވާ ކަމަށާ، ނަމަވެސް އޭރު އޭނާ ކުރި ކުއްތަކުގެ އަގު އަދާކުރާނެ ކަމަށްވެސް ޑިއެންޖެލޯ ވަނީ ބުނެފައެވެ.

ޑީއެންޖެލޯއާ ދެކޮޅަށް ކުރިއަށްދާ ޝަރީއަތުގެ 2 ވަނަ އަޑުއެހުން އޯގަސްޓް މަހަށް ތާވަލުކޮށްފައިވާއިރު، މި އަޑުއެހުމުގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް ބެލެވެއެވެ.