ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި 14 އަށް އިތުރުކޮށްފިއެވެ.
މިރޭ މިނިސްޓަރު އަމީން ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ޖުލައި މަހުގެ 14 ވަނަ ދުވަހު ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި މީ ހަތަރު ވަނަ ފަހަރެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރެއްވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށް އެ ގަރާރުގައި ބުނެއެވެ. އަދި އެ ނުރައްކާ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް ވެއެވެ.
ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައިވަނީ މިއި މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ހާލަތު ފުރަތަމަ އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
އެ މުއްދަތު ހަމަވުމުން މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްފައެވެ. އޭގެ ފަހުން މެއި މަހުގެ 30 ގެ ނިޔަލަށް މުއްދަތު އިތުރުކުރިއެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.