ކޮވިޑް-19 އާ ގުޅިގެން ހިދުމަތް ދިނުން ހުއްޓާލާފައިވާ ސެލޫނުތަކާއި ބޯކޮށާ ތަންތަން ހުޅުވައި އެތަންތަނުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި އުސޫލުގައި ބުނީ އަލުން ސެލޫންތައް ހުޅުވާއިރު އެ ތަންތަނުގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގައި އަމަލު ކުރުމަށް ސެލޫންތަކުގައި މޭކަޕް ކުރުމަށް ބޭނުން ކުރާ ފުއްމާގަނޑު، ސްޕޮންޖު ފަދަ ތަކެއްޗަކެތީގެ ގޮތުގައި ބޭނުން ކުރަން ޖެހޭނީ ޑިސްޕޯސަބަލް ތަކެތި ކަމަށެވެ. އަދި ބޯކޮށުމަށާއި މޭކަޕް ކުރުން ފަދަ ކަންކަމަށް ޑިސްޕޯސަބަލް ތަކެތި ބޭނުން ކުރުމަށް އެދެވިގެންވާ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ޑިސްޕޯސަބަލް ނޫން ތަކެތި ބޭނުން ކުރާނަމަ، ކޮންމެ ކަސްޓަމަރަކަށް ބޭނުން ކުރުމަށްފަހު، އެ ތަކެތި ސައިބޯނި ނުވަތަ ޑިޓާޖަންޓް އިން ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު ޑިސްއިންފެކްޓް ކުރުމަށް އުސޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން ބުއިންތަކުގެ ހިދުމަތް ދޭނަމަ، އެކަމަށްވެސް ޑިސްޕޯސަބަލް ތަށި ބޭނުން ކުރުމަށް ވަނީ އެދިިފައެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ މުހިންމު ޝަރުތުތައް:

  • ވެއިޓިން އޭރިއާގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް ގޮނޑިތައް އަތުރާފައި ބެހެއްޓުން
  • ވައިރަހުގެ އަލާމާތްތައް ފެންނަން ހުންނަ ފަރާތްތަކަށް ހިދުމަތް ނުދިނުން
  • ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރާ އޭޕްރަން އަދި ބޯކޮށާއިރު ކަރުވަށައިގެން އަޅާ ތުވާލިކޮޅު ދޮވެ ސާފުކުރުމަށްފަހު، އަނެއް ކަސްޓަރަކަށް ބޭނުން ކުރުން
  • ކަސްޓަމަރުންނަށް ގާތުން ހިދުމަތް ދިނުމުގައި ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅައި އަންގި ލެއްވުން
  • ކޮންމެ ކަސްޓަމަރަކަށް ހިދުމަތް ދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވެ، ގޮގްލްސް ބަދަލު ކުރުން
  • ކޮންމެ މީހަކަށް ހިދުމަތް ދިނުމުގެ ކުރިންނާއި ފަހުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން އަތްދޮވުން
  • ސެލޫންގައި އެހެން މީހުންނަށްވެސް އަތް ދޮވޭނެ ނުވަތަ ސެނިޓައިޒާ ބޭނުން ކުރެވޭ ގޮތް އިންތިޒާމް ކުރުން

ހަމައެއާއެކު އެ ތަންތަން އަލުން ހުޅުވޭއިރު، ކަސްޓަމަރުންނަށް މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ހިދުމަތް ދިނުމަށާއި އެއްފަހަރާ މިދުރުމިނުގައި ހިދުމަތް ދެވޭނެ އަދަދު ކަނޑައަޅައި، ތަނަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ސާފުތާހިރުކަމާއި ރައްކާތެރިކަމަށްޓަކައިވެސް އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މިހާތަނަށް ސެލޫންތައް ހުޅުވާނެ ތާރީހެއް އެޗްޕީއޭ ހާމަ ކޮށްފައި ނެތް ނަމަވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސެލޫންތައް ބަންދުކޮށްފައިވަނީ އެޕްރީލް 15ގައެވެ.