އޮސްޓްރޭލިއާގެ ދެކުނު ސްޓޭޓެއް ކަމަށްވާ ވިކްޓޯރިއާއިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދަކަށް ރިޕޯޓް ކުރަން ފަށައިފިއެވެ.

ޗީފް ހެލްތް އޮފިސާ ބްރެޓް ސަޓަން ހާމަކުރެއްވި ގޮތުގައި ފާއިތުވީ 24 ގަޑިއިރެއްހާއިރުގެ ތެރޭގައި އެކަނިވެސް 75 ކޭސް ފެނިފައި ވާއިރު، މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ޓެސްޓު ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްދިޔަ ކަމުގައި ވީ ނަމަވެސް، ސަޓަން ވިދާޅުވީ ޖިސްމާނީ ގައިދުރުކަމާއެކު، ސަރަހައްދީ ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަން ޖެހިދާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫތު ދެއްވަމުން ސަޓަން ވިދާޅުވީ ވިކްޓޯރިއާއިން މިހާރު ފެންނަމުންދާ ކަންކަން އަނެއް ކޮޅަށް އަނބުރާލުމަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމަށެވެ.

މިއަދު ވިކްޓޯރިއާއިން ކޭސް ރިޕޯޓް ކޮށްފައިވާ މިންވަރަކީ، ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައިވެސް އެސަރަހައްދުން ރެކޯޑް ކުރި އެންމެ މަތީ އަދަދުކަން ފާހަގަކުރަންޖެހެއެވެ.

މުޅި އޮސްޓްރޭލިއާގެ އާންމު ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7764 އަށް އަރާފައެވެ. މި ވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 653 މީހަކު ރެކޯޑް ކޮށްފައިވާއިރު، ކުރިޓިކަލް/ސިރިއަސް ހާލަތުގައި އޮތީ 1 ޕޭޝަންޓް ކަމަށް ރެކޯޑް ތަކުން ދައްކައެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާއޭ ކިއުނު ސަރަހައްދަކީ، ދިރިއުޅުމުގެ އެކި ބޭނުންތަކަށް، ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެ އުޅޭ ސަރަހައްދެކެވެ.