ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާގައި އިއުލާންކުރި ކާފިއުގެ އަމުރު އުވާލައިފިއެވެ.

ކޮވިޑް-19ގެ ފުރަތަމަ ކޭސް ލަންކާއިން ފެނުމާއެކު އެގައުމުގައި ކާފިއުގެ އަމުރު އިއުލާން ކުރީ މާޗް 20 ވަނަ ދުވަހުއެވެ. ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ވާން ފެށުމާއެކު، ފާއިތުވީ 2 މަހެއްހާ ދުވަހު ލަންކާއިން ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކާފިއުގެ އަމުރަށް ލުއި ދީފައެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުން ފަށައިގެން ކާފިއުގެ މުޅި އަމަރު އުވާލާފައިވާކަމަށެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އޭޕްރިލް 30 ވަނަ ދަވަހުން ފެށިގެން އެގައުމުން ފެނިފައިވާ ކޭސްތަކަކީ މެދުއިރުމަތީގެ ގައުމުތަކުގައި ތާށިވެފައިވާ ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން، ހާއްސަ ފްލައިޓްތަކެއްގައި ރީޕެޓްރިއޭޓް ކުރި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެކެވެ. މީގެ އިތުރުން ކަނޑުގެ އަސްކަރިއްޔާއިން ފެނުނު ކްލަސްޓާވެސް ފެސިލިޓީ ލޮކްޑައުންކޮށްގެން ކޮންޓްރޯލް ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް މިހާރު ލަންކާގައި ނެތް ކަމަށްވެސް ސިއްހަތާ ބެހޭ އޮފިޝަލާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ލަންކާގެ އަދުގެ ހާލަތަށް ބަލާއިރު މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 361 ކޭހެކެވެ. ސްރީލަންކާއިން ޖުމުލަ 2033 މީހަކަށް ބަލި ޖެހުނުއިރު، މި ބަލީގައި 11 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ސްރީލަންކާގެ ބައިނަލްއަގުވާމީ ބޯޑަރު ހުޅުވާލުމަށް އެގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އޯގަސްޓް މަހުގެ 5 ވަނަ ދުވަހު، އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ.