މިޔަންމާ ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އަންނަ ރޯހިންޔާ ދަރިކޮޅުގެ އިތުރު ބަޔަކާ ދެން ހަވާލު ނުވެވޭނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ.
ޓެލެކޮންފަރަންސް ޓެކްނޮލޮޖީ މެދުވެރިކޮށް މިހާރު ކުރިއަށްދާ އާސިއާން ގައުމުތަކުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހްޔިއްދީން ވިދާޅުވީ، ރޯހިންޏާ ދަރިކޮޅުގެ އިތުރު ރެފިއުޖީންތަކަކާ ދެން ހަވާލު ވެވެން ނެތީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މެލޭޝިއާގެ އިގުތިސޯދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ، ވަސީލަތްތައް ހުސްވަމުންދާ ދިއުމުގެ ސަބަބުން ކަމަށެވެ.
މެލޭޝިއާއަކީ، 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ގަތުލުއާންމާ ގުޅިގެން މިޔަންމާ ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ރޯހިންޏާ ދަރިކޮޅުގެ އެތައް ސަތޭކަ ހާސް ރެފިއުޖީންނެއްގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
ކަންމިހެން އޮތް ނަމަވެސް، މެލޭޝިއާއަކީ، ރެފިއުޖީންގެ ދަރަޖަ ބަލައިގަންނަ ގައުމެއް ނޫނެވެ. ފާއިތުވީ 2 މަހެއްހާ ދުވަހަށް ބަލާއިރު، މެލޭޝިއާއިންވަނީ ރޯހިންޏާ ދަރިކޮޅުގެ ގިނަ އަދަދެއްގެ ހިޖުރަވެރި ރެފިއުޖީން ދަތުރު ކުރަމުންދިޔަ ބޯޓުފަހަރުތަކެއްވެސް މެލޭޝިއާގައި ބަނދަރު ކުރުމުގެ ފުރުސަތު ނުދީ، އަނބުރާ ފޮނުވާލާފައެވެ.
ބޮޑުވަޒީރު މުހްޔިއްދީން ވަނީ، މެލޭޝިއާގައި މިހާރު ވަޒަންވެރިވެ ތިބި ރޯހިންޏާ ދަރިކޮޅުގެ ހިޖުރަވެރި ރެފިއުޖީންނަށް 3 ވަނަ ގައުމަކުން ހިޔާވަހިކަން ހޯދާދިނުމުގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް، ރެފިއުޖީންނާ ބެހޭ އދގެ އިދާރާއަށްވެސް ގޮވާލައްވާފައެވެ.
ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ 100000 އެއްހާ މީހުން މިހާރުވެސް މެލޭޝިއާގައި އެބަތިއްބެވެ. ނަމަވެސް ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއަދަދު އެއަށްވުރެވެސް މަތިވާނެއެވެ.