ބައިނަލްއަގުވާމީ ގާނޫނަށް އިހުތިރާމް ކުރުމަށާ، ގާނޫނީ އިމުގެ ތެރެއިން ބައިވެރިންގެ މަސްލަހަތު އެކުލެވޭ ކަންކަން ބަލައިގަތުމަށް އަވަށްޓެރި އިންޑިއާއިން ގައުމުތަކަށް ގޮވާލައިފިއެވެ.

އިންޑިއާގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު މިކަމަށް ގޮވާލައްވާފައިވަނީ ރަޝިއާ-އިންޑިއާ-ޗައިނާ ހާރިޖީ ވަޒީރުންގެ މެދުގައި މިއަދު ވާޗުއަލް ޕްލެޓްފޯމްގައި ކުރިއަށް ގެންދެވި ހާއްސަ ބައްދަލުވުމުގައެވެ.

މި ދަނޑިވަޅަކީ އިންޑިއާއާއި ޗައިނާއައި ދެމެދު ބޯޑަރުގެ މައްސަލާގައި އުފެދިފައިވާ ޒަމާންވީ ނުތަވަނަސްކަން އަސްކަރީ ކުރިމަތިމަތިލުމަކަށް ބަދަލުވެ، އިންޑިއާއާއި ވީ ފަޅިން، ބައެއްގެ ފުރާނަވެސް ގެއްލިފައިވާ ދަނޑިވަޅެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގެ ކަންކަން ހަމައަކަށް އެޅުވެން އޮތީވެސް ބައިނަލްއަގުވާމީ ގާނޫނަށް އިހުތިރާމް ކުރުމާ، ގާނޫނީ އިމުގެ ތެރެއިން ބައިވެރިންގެ މަސްލަހަތު އެކުލެވޭ ކަންކަން ބަލައިގަނެގެން ކަމަށެވެ.

ބޯޑަރު މައްސަލާގައި އިންޑިއާއާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ސުލްހައިގެ އިމުގެ ތެރެއިން ހައްލު ހޯދުމަށް އިންޑިއާއާއި ޗައިނާއިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ މި 2 ގައުމުގެ މެދުގައި އަސްކަރީގޮތުން ކުރިމަތިލުމަކަށް ދިއުންވާނީ މުޅި ދުނިޔެވެސް އިންތިހާ ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަނިވި ކުރިމަތިލުމަކަށެވެ.