ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލި މަޑުކަމުގައި ބްރެޒިލް އިން މަރުވި މީހުންގެ އަދަދު 50000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ބްރެޒިލްއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން މަރުވި ކަމަށް މުޅި ދުނިޔެއިންވެސް ރެކޯޑް ކުރި 2 ވަނަ ގައުމެވެ. މި ބަލީގައި ބައި ލައްކައަށް ވުރެ ގިނަ މީހުން މަރުވެގެން އެންމެ ފުރަތަމަ ރިޕޯޓް ކުރީ އެމެރިކާއިންނެވެ.

ބްރެޒިލްގެ އަދުގެ ހާލަތަށް ބަލާއިރު، އެ ގައުމުން 1086990 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިލިއަނަކަށްވެރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު 2 ވަނަ ގައުމަކީވެސް ބްރެޒިލްއެވެ.

ބްރެޒިލްގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 457105 ކޭހެއް ރެކޯޑް ކޮށްފައިވާއިރު މީގެ ތެރޭގައި ހާލު ސީރިއަސް/ކުރިޓިކަލް 8318 ޕޭޝަންޓަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ކްރިޓިކަލް/ސީރިއަސް ޕޭޝަންޓުން 3 ވަނައަށް އެންމެ ގިނައީ ބްރެޒިލްގައެވެ.

ކަންމިހެން އޮތްއިރު ތަޖުރިބާކާރުން ވިދާޅުވަނީ، ބްރެޒިލްއަށް ކޮވިޑް-19ގެ ޕީކު އަންނާނީ އަދި ހަފުތާތަކެއް ފަހުން ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިންތިހާ ނުރައްކަލާ އެކުގައިމެ، މި ދަނޑިވަޅަކީ ބްރެޒިލްގެ ސިޔާސީ މަސްރަހުވެސް ހަލަބޮލިވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ. ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ކުރިއަށް ދާއިރު، ރައީސް ޖެއީރު ބޮލްސޮނާރޯގެ ސަޕޯޓަރުންވެސް މިހާރު ވަނީ މަގުތަކަށް ނިކުމެފައެވެ. ސަޕޯޓަރުން މުޒާހަރާކުރަނީ، ބޮލްސޮނާރޯއާއި ދެކޮޅު ފަރާތްތަކާ ދެކޮޅަށެވެ.