އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ލަދަކް އޭ ކިއުނު ސަރަހައްދުގައި އޮންނަ ގޯލާން ވާދީގެ މިލްކުވެރިކަމަށް ޗައިނާއިން ކުރާ ދައުވާއަށް އިންޑިއާއިން އިންކާރު ކޮށްފިއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ހާރިޖިއްޔާގެ ތަރުޖަމާނު އަނޫރާގު ސްރިވާސްތަވާ ވިދާޅުވީ، ގޯލާން ވާދީގެ މިލްކުވެރި ކަމަށް ޗައިނާއިން ކުރި ދައުވާއަކީ، މާޒީގައި ޗައިނާއިން ނަގަމުން އައި ސްޓޭންޑާވެސް ހިލާފު ރޫހެއް ކަމަށެވެ. މިއާއެކު ސްރިވާސްތަވާ ވަނީ، ޗައިނާއިން ގަވައިދާ ހިލާފަށް އިންޑިއާގެ ބިންތަކަށް އަރަމުންދާ ދިއުމާ ދެކޮޅަށް އިންޑިއާގެ އަސްކަރިއްޔާއިން އެކަށީގެންވާ ރައްދު ދެމުންދާނެ ކަމަށްވެސް އިއުލާން ކުރައްވާފައެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި 2 ގައުމުގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އޭޝިއާ ޓައިމްސް

ތާރީހަށް ބަލާއިރު ހުރިހާ ކަމެއްވެސް ވަރަށް ސާފު ކަމަށާ، ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ސަރަހައްދުގައި، ގަލްވާން ވާދީގެ މިލްކުވެރިކަމަށް ޗައިނާއިން މިހާރު ކުރާ ދައުވާއަކީ އިންޑިއާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ދައުވާއެއް ނޫންކަމަށްވެސް އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ގޯލާން ވާދީއަކީ މިފަހަކަށް އައިސް އަސްކަރީ ނުތަނަވަސްކަން ބޮޑުވެފައިވާ ސަރަހައްދެކެވެ. އިންޑިއާއާއި ޗައިނާގެ އަސްކަރިއްޔާއިން ހުސްވި ހަފުތާ ތެރޭގައި ކުރިމަތިލުމަކަށް ދިޔައީވެސް މިސަރަހައްދުގައެވެ. މި ކުރިމަތިލުމުގައި އިންޑިއާ އަސްކަރިއްޔާގެ 20 މެމްބަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއީ ފާއިތުވީ 45 އަހަރެއްހާ ދުވަހުގެ ތެރޭގައި އޭޝިއާގެ 2 ނިއުކްލިއާ ބާރުގެ މެދުގައި އަސްކަރީ ކުރިމަތިލުމަކަށް ގޮސް، މިހާ ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.