ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އެރި 2 ވަނަ ގައުމަކަށް ބްރެޒިލްވެއްޖެއެވެ.
ފާއިތުވީ 24 ގަޑިއިރު ތެރޭގައި ބްރެޒިލްއިން 54000 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި 1200 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ވިދިވިދިގެން 4 ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.
ބްރެޒިލްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1038568 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 469118 ކޭހެއް ރެކޯޑްކޮށްފައިވާއިރު، 8318 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން މަރުވި މީހުންގެ އަދަދު ވަނީ 49090 އަށް އަރާފައެވެ.
ބްރެޒިލްގައިވެސް އެކަށީގެންވާ މިންވަރަކަށް ޓެސްޓު ކުރެވެމުންދާ ނުދާ މައްސަލަ އޮތީ ފެންމަތިވެފައެވެ. ކަންމިހެން އޮތްއިރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަސްލު އަދަދު މިއަށްވުރެވެސް މަތިވާނެ ކަމަށް ލަފާކުރެވެއެވެ. ތަޖުރިބާކާރުން ބުރަވާ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބްރެޒިލްއަށް ކޮވިޑް-19ގެ ޕީކް އަންނާނެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބަލިޖެހިގެން މިހާތަނަށް ދެން ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާރުވަނީ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނު ކަމަށް ރިޕޯޓްކޮށްފައެވެ. މި ބަލިމަޑުކަމުގައި، މި 2 ގައުމުގެ ލީޑަރުންވެސް ގެންގުޅުއްވަނީ ދާދި އެއް އުސޫލުތަކެއް ކަމަށް ބުނެ، ބައިނަލްއަގުވާމީ ފެންވަރުގައި މި 2 ބޭފުޅުންނަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒު ކުރެވެމުންނެވެ.
ކޮވިޑް-19އަކީ އާދައިގެ ރޯގާއެއް ކަމަށް ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ ވަނީ ސިފަކުރައްވާފައެވެ. އަދި ވައިރަހުން ލިބޭ ގެއްލުމަކަށް ވުރެ، އެ ވައިރަހުން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ބްރެޒިލްގެ އިގުތިސޯދަށް ވާ ގެއްލުން މާ ބޮޑު ވާނެކަމަށް ބޮލްސޮނާރޯ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބްރެޒިލްގައި ގައުމީ ފެންވަރެއްގައި ލޮކްޑައުން އިއުލާން ކޮށްފައެއް ނުވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސްޓޭޓްތަކާ، ސިޓީތަކުން ތަންފީޒު ކުރަމުންދަނީ 'ދާހިލީ' ފެންވަރުގެ ފިޔަވަޅުތަކެކެވެ. ކަންމިހެން އޮތްއިރު، ބައެއް ސަރަހައްދުގެ ސިއްހީ ހިދުމަތުގެ ކެޕޭސިޓީގައި އިތުރު ބަޔަކަށް ހިދުމަތް ކުރާނެ ޖާގައެއް ދެން ނެތިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.