އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލް (ޔޫއެންއެޗްއާރްސީ)ގެ 43 ވަނަ ބައްދަލުވުމުގައި އިންޑިއާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅުވައިގެން ޕާކިސްތާނުން ދެއްކި ވާހަކަތަކަށް އިންޑިއާއިން ވަރުގަދަ ރައްދެއް ދީފިއެވެ.

ޔޫއެންއެޗްސީއާރްގެ ބައްދަލުވުމުގައި ކަޝްމީރުގެ މައްސަލައާއި ގުޅުވައިގެން ޕާކިސްތާނުން އިންޑިއާއަށް އަމާޒު ކުރި ފާޑުކިއުންތަކަށް ރައްދު ދިނުމަށް އިންޑިއާއަށް ލިބިދީފައި އޮތް ހައްގުގެ ބޭނުން ހިފާ، އދއަށް އިންޑިއާއިން ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ފަސްޓް ސެކްރެޓަރީ ސެންތިލް ކުމާރު ވަނީ ޕާކިސްތާނުގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ.

އެގޮތުން، އެހެން ބަޔަކަށް ލަފާ ދިނުމުގެ ކުރިން، އަމިއްލަ ފަސްގަނޑުގައި އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ހިންގަމުންދާ ބޮޑު ޖަރީމާ، އަމިއްލައަށް ތަހުގީގުކޮށްލުމަށް އިންޑިއާއިން ވަނީ ޒަމާންވީ އަދުވު، ޕާކިސްތާނަށް ގޮވާލާފައެވެ.

ޕާކިސްތާނުގެ ޖަނާޒާއެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފައިލް ފޮޓޯ: އެންޕީއާރް

މިމޭރުމުން، އިންޑިއާއިންވަނީ ޕާކިސްތާނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އދގެ ކައުންސިލްގެ ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ނިޒާމުން މީހުން ގެއްލުވާލުމާ، މަޖުބޫރުން އަމިއްލަ ވަޒަނުން ބޭރުކޮށްލުމާ، ޝަރުއީ އިމުން ބޭރުން މީހުން މެރުމާ، އަސްކަރިއްޔާގެ އޮޕަރޭޝަންތަކާ، ލާއިންސާނީ އަނިޔާ ދިނުމަށް ހާއްސަ ކޮށްފައިވާ ކޭމްޕުތަކާ، އަސްކަރީ ކޭމްޕުތަކަކީ ޕާކިސްތާނުގެ ބާލޫޗިސްތާނަށް ހާއްސަ ސިފަތަކެއް ކަމުގައި އިންޑިއާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ގާނޫނު އަސާސީއިން ޖައްމުއާއި ކަޝްމީރު ސަރަހައްދަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370 އުވާލަން ނިންމި ނިންމުމުގައި އިތުރު މަގުސަދެއް ނެތްކަމަށް އިންޑިއާއިން ބުނަމުން އަންނަ ބުނުން ދިފާއު ކުރައްވަމުން ސެންތިލް ކުމާރު އިތުރަށް ވިދާޅުވީ، ޕާކިސްތާނުން ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވީ ނަމަވެސް، ސުލްހައާއި ކުރިއެރުމުގެ ހައްގުގައި އިންޑިއާގެ ރައްޔިތުން ކަޑަތު ކުރަމުންދާ ރާސްތާއިން ކަސިޔާރުކޮށްލެވިފައި ނުވާ ކަމަށެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޕާކިސްތާނުގައި ރޯދަ ވީއްލާ ތަކެތި ހޯދަން ޖަމާވެފައިވާ ބަޔަކު އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދީގެން ސަފު ހަދައިގެން/ފޮޓޯ: އޭއެފްޕީ

މި މޭރުމުން ގައުމު ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުން ސެންތިލް ކުމާރު ވަނީ، އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލާ އެ ކައުންސިލް ހިންގާ އުސޫލުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ރެކޯޑް، ޕާކިސްތާނުން ދަމަހައްޓަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. ދައުލަތުން 'ސްޕޮންސާ' ކޮށްގެން 'ގަތުލުއާންމު' ހިންގާ ގައުމަކަށް ދެކުނު އޭޝިއާގައި އޮތް ހަމައެކަނި ގައުމަކީ ޕާކިސްތާނު ކަމަށާ، އެހެން ބަޔަކާ ދެކޮޅަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަން ކެރޭ ވަރުގެ ހިތްވަރެއްވެސް ހުރި ހަމައެކަނި ބަޔަކީ ޕާކިސްތާނު ކަމަށްވެސް އިންޑިއާގެ އޮފިޝަލު ވަނީ ތުހުމަތު ކުރައްވާފައެވެ.

އިންޑިއާއަކީ މުސްލިމުންނާ އިސްލާމް ދިނާ މެދު އެހެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ގައުމެއް ކަމަށް ބުނެ ޕާކިސްތާނުން ދެއްކި ވާހަކަތަކަކާ ގުޅިގެން، ދިވެހިރާއްޖެއިން އިންޑިއާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ދާދިފަހުން ކުރިއަށް ދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމް ކޯޕަރޭޝަން (އޯއައިސީ)ގެ ވާޗުއަލް ބައްދަލުވުމެއްގައި ޕާކިސްތާނުން އިންޑިއާއަށް ފާޑުކިއުންތަކެއް އަމާޒުކުރުމުން އޭގެ ރައްދުގައި ދިވެހިރާއްޖެއިން ވަނީ އިންޑިއާގެ ދިފާއަށް ތެދުވެ، މިފަދަ ކަމެއްގައި ހަމައެކަނި އިންޑިއާގެ ނަން ފާހަގަކޮށް ބަދުނާމު ކުރުމަކީ ހެކީގެ މައްޗަށް ބަލާއިރުވެސް ސައްހަ ވާހަކައެއް ނޫންކަމަށް ބުނެފައެވެ.