މިދިޔަ ހަފްތާގެ ތެރޭގައި އެސްޓީއޯއިން ރަށްރަށަށް ބޭނުންވާ ކާޑުގެ 60 އޯޑަރު ޑެލިވާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެއީ 3514 ބަސްތާ ކާޑެވެ.

އެސްޓީއޯއިން ކާޑުގެ ބާވަތްތައް ޑެލިވާ ކުރާގޮތުގެ ތަފްސީލް ހާމަކޮށް ކުރި ޓްވީޓުގައި ބުނީ މިިދޔަ ހަފްތާގެ ތެރޭގައި ރަށްރަށަށް 60 ޑެލިވެރީ ކޮށްފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި 402 ޑެލިވެރީ ކޮށްފައިވާ ކަމަށެވެ.

ރަށްރަށަށް ފޮނުވާފައި ވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާ އިރު، 1190 ބަސްތާ ހަނޑުލާއި، 436 ބަސްތާ ހަކުރާއި، 1888 ބަސްތާ ފުށް ހިމެނެއެވެ. މާލެ ސަރަހައްދުގެ ޑެލިވަރީގެ ތަފްސީލަށް ބަލާ އިރު، 3277 ބަސްތާ ހަނޑުލާއި، 788 ބަސްތާ ހަކުރާއި، 1829 ބަސްތާ ފުށް ހިމެނެއެވެ.

އެސްޓީއޯއަކީ، ރާއްޖޭގެ އެކި ހިސާބުތަކަށާއި، މާލެ ސަރަހައްދަށް ބޭނުންވާ ގިނަ ބާވަތްތަކާއި، ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ފޯރުކޮށް ދޭ ކުންފުންޏެވެ. ކޮރޯނާވައިރަސްގެ މިހާލަތުގައި ފްރަންޓްލައިންގައި އެންމެ ފުޅާ ދާއިރާއެއްގައި މުދަލާއި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު އެއް ކުންފުންޏައަކީވެސް އެސްޓީއޯއެވެ.