ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން މެލޭޝިއާއިންވެސް މިއަހަރު ހައްޖަށް ނުދާން ނިންމައިފިއެވެ.

މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާ އިން ވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ.

މެލޭޝިއާގެ ދީނީ ކަންކަމާ ބެހޭ ވަޒީރު ޒުލްކިފްލި މުޙައްމަދު އަލް-ބަކްރީ ވިދާޅުވީ މެލޭޝިއާއިން މިއަހަރު އެ ގައުމުގެ ރައްޔިތުން ހައްޖަށް ނުފޮނުވާން ނިންމީ، ކޮވިޑް-19ގެ ބަލީގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރާ ހެދި ކަމަށެވެ. މެލޭޝިއާއަކީވެސް މުސްލިމުންނަށް މެޖޯރިޓީ އޮންނަ ގައުމެކެވެ.

ގައުމީ ޓީވީއިން ދުރަށް ފޮނުވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒިލްކިފްލި ވިދާޅުވީ ހައްޖަށް ދާން ތައްޔާރު ވަމުން ދިޔަ ފަރާތްތަކުން ކެތްތެރިވާނެ ކަމަށާ، މި ނިންމުން ގަބޫލުކުރާނެ ކަމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް އަދިވެސް ލުޔެއް ލިބިފައި ނުވާއިރު ސައުދީ އަރަބިއްޔާއިން ވަނީ ހައްޖާއި އުމްރާގެ އަޅުކަން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.

މެލޭޝިއާއިން ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ސޭވިންގް ފަންޑާ ގުޅުން ހުރި ކަންކަން ކުރަމުން އަންނަ ބޯޑުން ބުނީ، މި އަހަރު އެ ގައުމުން ހައްޖަށް ދާން ހޮވިފައިވާ 31600 އެއްހާ މީހުންނަށް މި ނިންމުމުގެ އަސަރު ކުރާނެ ކަމަށެވެ.

ސައުދީއިން ދޫކުރާ ހައްޖު ކޯޓާގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން މެލޭޝިއާގެ ބައެއް ރައްޔިތުންނަކީ ހައްޖުގެ އަޅުމަކަށް 20 އަހަރެއްހާ ދުވަހުގެ ދިގު އިންތިޒާރެއް ކުރާ ބައެކެވެ.

މެލޭޝިއާގެ ހާލަތަށް ބަލާއިރު އެގައުމުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެގެން 8396 ކޭސް ރިޕޯޓް ކޮށްފައެވެ. މި ބަލީގައި މެލޭޝިއާއިން މިހާތަނަށް 118 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.