މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، ހައުސިން މިނިސްޓްރީ އުވާލައި ކުރިން އޮތް ގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ނަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބަދަލުކުރައްވައިފި ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރުމަށް ވަނީ ނިންމާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޕްލޭނިން މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ މުހައްމަދު އަސްލަމެވެ. ޕްލޭނިންގް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ އެއްކޮށްލުމުން އާ މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާނީ އަސްލަމެވެ.

ރައީސް ސޯލިހު މި ބަދަލު ގެންނެވިއިރު، ހައުސިން މިނިސްޓްރީ ދެ ބަޔަށް ބައިކޮށްލެވީ ވެސް އެމަނިކުފާނު ވެރިކަމަށް އައުމަށް ފަހުއެވެ. އޭގެ ކުރީ ސަރުކާރުގައި އެ ދެ މިނިސްޓްރީން ކުރަމުން އައި މަސައްކަތް ކުރަމުން ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި އެއް މިނިސްޓްރީއެއްގެ ގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައެވެ.

ހައުސިން މިނިސްޓްރީއަކީ މި ސަރުކާރުގައި އެމްއާރްއެމްއަށް ދީފައި އޮތް ސްލޮޓެކެވެ. ދާދިފަހުން ހައުސިން މިިނސްޓަރުގެ މަގާމުގައި އިންނެވި އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އެމްއާރްއެމްގެ ބޭފުޅަކަށް ދޭނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.