އަމިއްލަ ފަސްގަނޑުގައި ހިންގި ގަތުލުއާންމު ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކޮށް، އެތަނުގެ ހިތްދަތި ދިރިއުޅުމުން ސަލާމަތްވުމަށް ޖިނާއީ ކުށްވެރިންތަކެއްގެ ހިމާޔަތުގައި ރޯހިންޏާ ރެފިއުޖީން މެލޭޝިއާއަށް ބަދަލުވާން ފެށި ދަތުރު ކޮޅެއްގައި ނުޖެހި އެތައް މަހެއް ވަންދެން ކަނޑުމަތީގައި ބަނޑަށްޖެހިފައިވާ ނިކަމެތި ހާލުގައި ކުރި ދަތުރަކީ އެ ނަމާން ކަމާ ބިރުވެރިކަން، ކުޑަކުދިންވެސް ތަޖުރިބާ ކުރި ދަތުރެއް ކަމަށް ދާދި ފަހުން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

ރިޕޯޓް އެކުލަވާލި ސޭވް ދަ ޗިލްރަން ޖަމިއްޔާގެ އޭޝިއާ ރީޖަނަލް ޑައިރެކްޓަރު ހަސަން ސާދީ ނޫރު ވިދާޅުވީ، ކޮންމެ ފަދަ ހާލެއްގެ އުޖާލާ މުސްތަގުބަލެއް ހޯދުމަށް ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ތިބީ އިންތިހާއަށް ކެތްމަދުވެފައިކަމަށެވެ. ރިޕޯޓަށް އެއްކުރި މައުލޫމާތާ ހަވާލާދެއްވާ މިފަދަ މޭރުމަކުން ހަސަންގެ ވާހަކަ ހުރިއިރު، އޭނާ ވަނީ ރޯހިންޏާ ރެފިއުޖީންގެ ޒިންމާތައް އުފުލުމަށް، ސަރަހައްދީ ގައުމުތަކަށް ގޮވާލާފައެވެ. އެގޮތުން ރޯހިންޏާ ރެފިއުޖީންނަށް ހިމާޔަތާ އެނޫންވެސް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިއްސާއެއް އަދާކުރުމަށް ސަރަހައްދީ ގައުމުތަކަށް ހަސަން ގޮވާލިއިރު، މިޔަންމާއާއި ގުޅިގެން ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހަސަން ވަނީ ގޮވާލައްވާފައެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީ ކުދިންކޮޅެއް/ފޮޓޯ: މުޙައްމަދު ހުސައިން

ކަންމިހެން އޮތްއިރު މެލޭޝިއާއިން ވަނީ ލަންގްކާވީގެ ރަށް ބޭރުން ގަވައިދާ ހިލާފަށް މެލޭޝިއާއަށް އެތެރެވާން މަސައްކަތް ކުރަމުންދިޔަ ރެފިއުޖީ ބޯޓަކަށް ހުރަސް އަޅާ، ރޯހިންޏާ ދަރިކޮޅުގެ 269 މީހަކު، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ބޯޓުން ދަތުރުކުރި މީހެއްގެ ހަށިގަނޑުވެސް، މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކަށް ނަގާފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ޓިޕަކަށް ބަރޯސާވެގެން ހިންގި ތަހުގީގުން ބޯޓު އަތުޖެހުނުއިރު އެ ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައި ކަމަށާ، އެއީ އަނބުރާ ފޮނުވާނުލާނެ ވަރު ކުރުމަށް ގަސްތުގައި ކޮށްފައިވާ ކަމެއް ކަން ތަހްގީގަށް އެނގިފައިވާކަމަށްވެސް މެލޭޝިއާގެ ބޯޑާ ޕެޓްރޯލް ޓާސްކް ފޯސްއިން އާންމުކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީ ކުދިންތަކެއް/ފޮޓޯ: ބީބީސީ

މެލޭޝިއާއަކީ ރެފިއުޖީންގެ ދަރަޖާގައި ބިދޭސީން ބަލައިގަންނަ ގައުމެއް ނޫނެވެ. މެލޭޝިއާގެ އިންތިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތުން މި ރެފިއުޖީންނަކީ ގަވައިދާ ހިލާށް އުޅޭ ބިދޭސީންނެވެ. މިއަހަރުގެ މާޗް މަހު މެލޭޝިއާގެ ހިންގުމާ ހަވާލުވި އާ ސަރުކާރުން ވަނީ ހިޖުރަވެރިންނާ، ބޯޑަރު ޕެޓްރޯލް ކުރުމާ ބެހޭ ސިޔާސަތުތައް އިތުރަށް ހަރުކަށިކޮށްފައެވެ.

ސޭވް ދަ ޗިލްރަންއިން ރިޕޯޓް އެކުލަވާލުމަށް މައުލޫމާތު އެއްކޮށްފައިވަނީ މީގެ ދޮޅުމަހެއްހާ ދުވަސްކުރިން އަނބުރާ ބަންގްލަދޭޝްއަށް ނެގި ރެފިއުޖީންގެ ކިބައިންނެވެ. ރޯހިންޏާ ރެފިއުޖީންނަށް މިވަގުތު ބޯހިޔާވަހިކަން ލިބެމުންދަނީ ބަންގްލަދޭޝްއިން އެކަންޏެވެ. ނަމަވެސް، މިއީ އެގައުމަށްވެސް ދާއިމީ ގޮތެއްގައި އަދި މިއަށްވުރެ އިތުރަށްވެސް ދެވޭނެ ހިދުމަތެއް ނޫންކަމަށް، ބަންގްލަދޭޝް އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.