ކޮވިޑް19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައި ވާ މީހުން މިދިޔަ މަހުގެ "އިންކަމް ސަޕޯޓު އެލަވަންސް" އަށް އެދުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އިންކަމް ސަޕޯޓަށް އެދޭ ފަރާތް ތަކަށް ދީފައިވާ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވި ކަމުގައި ވިޔަސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން އިންކަމް ސަޕޯޓަށް އެދޭ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރު ކޮށްފައި ވަނީ ކޮން ދުވަހަކާ ހަމައަށް ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ މިނިސްޓްރީން ވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ފޯމް ހުށަހަޅާފައި ނުވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހުތައް އިއުލާންކޮށް މިދިޔަ މަހުގެ 18 ދުވަހު އިއުލާން ކޮށްފައެވެ. އެ އިއުލާންގައި ބުނާ ގޮތުގައި މޭ މަހުގެ 1 އިން އެ މަހުގެ 30 ގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތް ތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖޫން މަހުގެ 7 ވަނަ ދުވަހެވެ.

އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައި ވާ އެލަވަންސެކެވެ. މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައި ވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑް ކޮށްފައި ވާ ފަރާތް ތަކަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައި ވާ ފަރާތް ތަކާއި އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައި ވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

މި އެލަވަންސް ދޭނީ ރާއްޖޭގައި މަސައްކަތް ކުރާ، ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިތިބި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭނެއެވެ.