ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަކީ ފިކުރީ ގޮތުން ވަކި ބަޔަކަށް ބުރަވެފައިވާ އިދާރާއެއް ކަމަށް ތުހުމަތުކުރައްވާ، ބްރެޒިލް އިން ވެސް އެ އިދާރާގެ މެމްބަރުތަކުން ދޫކޮށްލަންޖެހިދާނެ ކަމުގެ އިންޒާރު، އެގައުމުގެ ރައީސް ޖެއީރު ބޮލްސޮނާރޯ ދެއްވައިފިއެވެ.

ބޮލްސޮނާރޯ މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، ވެރިކަން ހިންގެވުމުގައި ބޮލްސޮނާރޯއާއި އެންމެ އެއްގޮތް ވެރިކަމެއް ކުރައްވަމުން ގެންދަވާ ކަމަށް މުޅި ދުނިޔެހެން އިއްތިފާގުވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުންވެސް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ބްރެޒިލްއިން ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޫކޮށްލަންޖެހިދާނެ ކަމުގެ އިންޒާރު، ބޮލްސޮނާރޯ ދެއްވާފައި މިވަނީ، ކޮވިޑް-19 ގެ ކޭސް ނަމްބަރުތައް އިތުރުވަމުންދާ ވަގުތެއްގައި، ލޮކްޑައުންނާއާއި އެނޫންވެސް ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ ދެކޮޅަށް ޑަބްލިއުއެޗްއޯއިން އިންޒާރުކުރުމާ ގުޅިގެންނެވެ.

ބްރެޒިލްގެ ރިޔާސީ ގަނޑުވަރު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ބޮލްސޮނާރޯ ވިދާޅުވީ ފިކުރީ ގޮތުން ވަކި ބަޔަކަށް ބުރަވެގެން ކުރާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސްފިނަމަ ބްރެޒިލްއިންވެސް އެމެރިކާ ފަހަތުން ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޫކޮށްލާނެ ކަމަށެވެ.

އެމެރިކާއިން ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޫކޮށްލީ ކޮވިޑް-19ގެ ބަލިމަޑުކަމަށް އިޖާބަ ދިނުމަށް ޑަބްލިއުއެޗްއޯ ފެއިލްވެފައިވާކަމަށާ، ޑަބްލިއުއެޗްއޯއަކީ ޗައިނާގެ ޕަޕެޓްއެއް ކަމަށް ބުނެ އެއިދާރާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރުމަށްފަހުގައެވެ.

ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބޮލްސޮނާރޯ މުޅިންހެންވެސް އަމަލުކުރައްވަމުން ގެންދަވަނީ ޓްރަމްޕްގެ އުސޫލުތަކާ އެއްގޮތަކަށްކަންވެސް ފާހަގަކުރަންޖެހެއެވެ. އެގޮތުން ކޮވިޑް-19ގެ ހަގީގީ ނުރައްކާތެރިކަން އޮޅޭ ފަދަ އުސޫލަކުން އަމަލުތައް ބަހައްޓަވާއިރު ކޮވިޑް-19ގެ ފަރުވާއާ ގުޅިގެންވެސް ދެ ލީޑަރުންގެ ވާހަކަފުޅު ހުންނަނީ އެއް ރޫހެއްގައިކަން ފާހަގަކުރަންޖެހެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އެންމެ ގިނައިން ރިޕޯޓް ކުރި 2 ގައުމަކީވެސް އެމެރިކާއާއި ބްރެޒިލްއެވެ.