ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓްކުރަމުންދާ ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދު ކަމަށްވާ އެމެރިކާއަށް، ފާއިތުވީ 3 މަހެއްހާ ދުވަސްވެފައިވަނީ ދަތު ދުވަސްތަކަކަށެވެ. ނަމަވެސް އެގައުމުގެ އެންމެ މުއްސަނދި މަހުޖަނުން ނުވަތަ ބިލިއަނަރުންނަށް މެނުވީއެވެ.
ތިންކް ޓޭންކްއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިންސްޓިޓިއުޓް ފޮ ޕޮލިސީ ސްޓަޑީޒްއިން ރޭގެ ވަގުތެއްގައި އާންމުކޮށްފައިވާ ރިޕޯޓް ބުނާ ގޮތުގައި، މާޗް 18 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ބިލިއަނަރުން ވަނީ 565 ބިލިއަން ޑޮލަރު އިތުރަށް މުއްސަނދިވެފައެވެ.
ބިލިއަނަރުންގެ އަދުގެ މާލީ މިލްކިއްޔާތަށް ބަލާއިރު މި އަގު އުޅެނީ 3.5 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ބަލިމަޑުކަމުގެ ފެށުން އައި ދުވަސްވަރާ އަޅާ ބަލާއިރު 19 ޕަސެންޓް އިތުރު އަދަދެއްކަންވެސް އިންސްޓިޓިއުޓް ފޮ ޕޮލިސީ ސްޓަޑީޒްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި އެކަކު ކަމަށްވާ އެމެޒޯން ކުންފުނީގެ އޯނަރު ޖެފް ބޭޒޯސް އެކަނިވެސް، މާޗް 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36.2 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.
ކަންމިހެން އޮތްއިރު ވަޒީފާ ނެތް މީހުންގެ ގޮތުގައި އެމެރިކާއިން މި މުއްދަތުގައި 43 މިލިއަން މީހަކު ވަނީ ރިޕޯޓްކޮށްފައެވެ. ވަކިން ހާއްސަކޮށް ދަށް ފަންތީގެ އާމްދަނީ ލިބޭ ވަޒީފާތަކުގައި ތިބި މީހުންގެ ހާލަތު އިންތިހާއަށް ދެރައެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އަދު ދުނިޔެ މި ދެކޭ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވެގެންދާނީ، އާމްދަނީއާއި މާލީ މިލްކުވެރިކަމުގެ ފަރަގު އިންތިހާ ދަރަޖައަށް ނުރައްކާ ކޮށްލަނިވި ބަލިމަޑުކަމަކަށެވެ.