ކޮވިޑް ޖެހިގެން 7 ވަނަ މީހަކު މަރުވެއްޖެއެވެ. އެއީ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެކެވެ.

އެއީ ކޭސް ނަންބަރު 1513 އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ ހުސްވި މޭމަހުގެ 28 ވަނަ ދުވަހުއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކްލޯސް މޮނިޓަރިންގައި ތިބޭ ބަޔަކަށް ވާއިރު މިއަދު ފަތިހު ނިޔާވި އުމުރުން 89 އަހަރުގެ އަންހެން މީހާ އިނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައެވެ.

މިއަދު މަރުވި މީހާގެ އިތުރުން، ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް 6 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ މިއަދު މަރުވި 54 އަހަރުގެ ބިދޭސީއަކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1829 އަރާފައެވެ. މީގެ ތެރެއިން ޖުމްލަ 1333 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.