މާލޭގައި ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ގެތަކުން މިއަދުން ފެށިގެން ސާމްޕަލް ނަގަން ފަށައިފިއެވެ.

މިކަމާ ބެހޭ ގޮތުން "ދަ ޕްރެސ" އާ ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ޑިރެކްޓާ އަހްމަދު ނަސީރު ވިދާޅުވީ، މޮނިޓަރިންގްގައި މިވަގުތު ހުރި ގެތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލްތައް ނަގަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ އިތުރުން މިފަދަ ގެތަކުގައި އުޅޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންގެ ސާމްޕަލް ވެސް އެޗްޕީއޭއިން ދެން ނަގާނެ ކަމަށެވެ.

މި ގޮތަށް މިކަން ކުރަން ނިންމީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް މިހާރު އޮތް މިންވަރު ބެލުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށާ މޮނިޓަރިންގްއަށް ގެތަށް ލާނީ ވެސް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، ބައްޔަށް ޓެސްޓްކުރުމަށް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް މިހާރު ވެސް ފުޅާ ކޮށް ކުރަމުންދާ ކަމަށާ މިހާރުގެ އަމާޒަކީ ދުވާލެއްގެ މައްޗަށް 600 ސާމްޕަލް ނެގުން ކަމަށެވެ. އަދި މިހާރު ވެސް މިކަމުގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) އަށް އިތުރު މެމްބަރުން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާ ޓީމު މިހާރަށް ވުރެ ވެސް ވަރުގަދަ ކުރެވިއްޖެ ނަމަ ދުވާލެއްގެ މައްޗަށް 1000 ސާމްޕަލް ނެގޭނެ ކަމަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ މަޢުލޫމާތު ދައްކާ ގޮތުން މާލެ ސަރަހައްދުގެ 290 އަށް ވުރެ ގިނަ ގެއަކާއި މީހުން ދިރިއުޅޭ ތަންތަން މިހާރު ވަނީ އެއިދާރާގެ މޮނިޓަރިންގްގެ ދަށުގައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި އެންމެ ފުރަތަމަ މީހާ އަކީ ވެސް އެޗްޕީއޭގެ މޮނިޓަރިންގްގެ ދަށުގައި ހުރި ގެއެއްގައި ހުއްޓައި ބަލި ހާލު ބޮޑުވެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވި މީހެކެވެ. އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ކަން އެނގުނީ މަރުވި ފަހުންނެވެ. އަދި އޭނާގެ މަރާ ގުޅޭ ގޮތުން އެންއީއޯސީން ބުނެފައިވަނީ އޭނާގެ ސާމްޕަލް ނެގުމުގައި ލަސްވެގެން ދިޔަ ކަމަށެވެ.