ދުނިޔޭގެ އިތުރުން ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ހަނގުރާމައިގައި މީޑިއާތަކާ ސަރުކާރުގެ އޮފިޝަލުން ބޭނުން ކުރާ ލަފްޒުތައް މިހާރު އޮޅުން ނުލާ ތިބި މީހުން މަދުވާނެއެވެ. ރެޕިޑް ރެސްޕޯންސް ޓީމް ނުވަތަ އާރްއާރްޓީއޭ ބުނުމުން އެއީ މި ހަނގުރާމައިގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ކަން ނޭނގޭ ފަރާތެއް މިހާރު ހުރެގެން ނުވާނެއެވެ.

ބައްޔަށް ޝައްކު ކުރެވޭ މީހެއްގެ ގައިން ސާމްޕަލް ނަގަން އެމީހަކު ހުރި ތަނަކަށް ފުލް ޕީޕީއީ ގައި އެދަނީ އާރްއާރްޓީގެ ހިތްވަރުގަދަ ފަހުލަވާނުންނެވެ. ރާއްޖޭގައި ހާއްސަކޮށް މާލޭގައި ކޯވިޑްއަށް ޓެސްޓްކުރާ ކޮންމެ މީހެއް ކަހަލަ ގޮތަކަށް ބައްޔަށް ޕޮސިޓިވް ވަމުން އަންނަ އިރު ގިނަ މީހުންގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައި ހުންނާނީ އާރްއާރްޓީގެ މެންބަރެކެވެ. އެއްގަމު އުޅަނދަށް ނުވަދެވޭ މަގެއްގައި ހުންނަ ދަތި ގެއަކަސް، ދިހަ ވަނަ ފަންގިލާ ގައި ހުންނަ އެޕާޓްމަންޓަކަސް ނުވަތަ 40 އަކަށް ބޭރު މީހުން އުޅޭ 'ހޮރަކަށް' ވިޔަސް ވަންނަން ޖެހިލުން ނުވާނީ އާރްއާރްޓީގެ މެންބަރުންނެވެ.

ކޮވިޑް-19ގެ ސާމްޕަލް ނެގުމުގައި އާރް.އާރް.ޓީއިން ހަރަކާތްތެރިވަނީ

އުމުރުން 22 އަހަރުގެ އަލީ އަލްވީން

ސައިކޮލޮޖީގެ ދާއިރާއިން އެޑްވާންސް ޑިގްރީ ހާސިލް ކުރުމަށް ފަހު ޕްރަމައިރީ ހެލްތް ކެއާގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރަމުން އަންނަ އަލްވީން މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ކަސްޓަމާ އެސިސްޓެންޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަލްވީން ވަނީ ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރި ވެފައެވެ.

'ދަ ޕްރެސް' ދިން އިންޓަވިއުއެއްގައި އަލްވީން ބުނީ، ފުރަތަމަ އޭނާ އުޅުނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓާ، އެންއީއޯސީގެ ފެބްރުއަރީ މަހު ކޮންޓެކްޓް ޓްރޭސިންގް މަސައްކަތުގައެވެ. އެއަށް ފަހު މޯލްޑިވްސް ރެޑް ކްރެސްންޓްގެ ފަރާތުން ޕޯޓް ހެލްތާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އަންނަ ދަތުރުވެރިން ސްކްރީން ކޮށް އައިލޮސޭޝަން އަދި ކަރަންޓީނަށް ފޮނުވުމުގައި ވެސް އަލްވީން ހަރަކާތްތެރި ވިއެވެ. އަލްވީން ބުނީ އެމަސައްކަތުގައި އުޅެނިކޮށް ކޮވިޑް-19ގެ ރަސްމީ އާރްއާރްޓީމާ ގުޅުމަށް އޭނާއަށް ފުރުސަތު ލިބުނު ކަމަށާ މިކަމަކީ އޭނާ ކިޔަވަމުންދާ ޕްރައިމަރީ ހެލްތް ކެއާގެ ދާއިރާއާ ވެސް ގުޅުން ހުރި ކަމަކަށް ވާތީ ލިބުނު ފުރުސަތުގައި ދެއަތުން ހިފީ ކަމަށެވެ.

އަލްވީންއާއި އޭނާގެ ޓީމު

ސާމްޕަލް ނަގަން ދާން ތައްޔާރު ވާ ގޮތް

އަލްވީން ކިޔާ ދިން ގޮތުގައި ސާމްޕަލެއް ނެގުމަށް އާރްއާރްޓީއަށް ރިކުއެސްޓެއް އަންނަ ހިސާބުން ވެސް ޓީމުގެ މަސައްކަތް ފެށޭ ކަމަށެވެ. މި ގޮތުން، ސާމްޕަލް ނަގާ މީހާއަށް ގުޅުމަށް ފަހު ޓީމުން ދާނެ ކަން އަންގާ ކަމަށާއި ދިއުމުގެ ކުރިން ސާޕަލް ނެގުމަށް ބޭނުންވާ ތަކެތި ތައްޔާރު ކުރާ ކަމަށެވެ. އަލްވީން ބުނީ އެއަށް ފަހު ދެން ރައްކާތެރި ވުމުގެ ގޮތުން އަޅާ ޕީޕީއީ ލާ ކަމަށެވެ. މީގައި ހިމެނެނީ އެތެރެއިން ލާ އަތް ދިގު ޓީޝާޓަކާއި ފަޓުލޫނަކާއި އޭގެ މަތިން އަޅާ ގައުންއެއްގެ އިތުރުން އަންގި، މާސްކް، ފޭސް ޝީލްޑާއި ބޮލުގައި އަޅާ ކެޕް އަދި ގަން ބޫޓެވެ.

އަލްވީން ބުނީ ސާމްޕަލް ނަގަން ދާ ތަނަށް ވަންނަނީ ތަނުގައި ދިރިއުޅޭ މީހުންގެ ހުއްދައާ އެކު ކަމަށާ އެގެއަކަށް ނުވަތަ ތަނަކަށް ދިޔައީ ކީއްކުރަން ކަން ސާފުކޮށް ކިޔާދޭ ކަމަށެވެ. އަލްވީން ބުނީ ދެން ސާމްޕަލް ނެގުމުގެ ކަންތައް ހިނގާނެ ގޮތް ޕޭޝަންޓަށް ކިޔާ ދޭ ކަމަށެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން ފިޔަވަޅުތައް އަޅާފައި ވާ ކަމުގެ ޔަޤީންކަން ދޭ ކަމަށާ ބަލަނީ ކޮންމެ ގެއަކަށް ނުވަތަ ތަނަކަށް ވަންނަ އިރު ވެސް ވީހާވެސް މަދު އެއްޗެއް ހިފައިގެން ވަދެވޭތޯ ކަމަށެވެ.

އަޅުގަނޑުމެންނަށް އަންގާފައި އޮންނަނީ ގޭގައި ނުވަތަ ތަނުގައި ހުންނަ އެއްވެސް އެއްޗެއްގައި އަތް ނުލުމަށް. ސާމްޕަލް ނަގާ މީހާގެ އައިޑީ ކާޑްގައި އަތްލުމުގެ ހުއްދައެއް ވެސް ނޯވޭ. ގެއަށް ގޮސް ސާމްޕަލް ނެގުމަށް އުޅެންޖެހޭނީ ވަރަށް ބަލައިގެން ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން. ސާމްޕަލް ނަގާ އިރު އެއީ ޕޮސިޓިވް މީހެއް ކަމެއް ނުވަތަ ނެގަޓިވް މީހެއް ކަމެއް ނޭނގޭނެ. ބަލަން ޖެހޭނީ ކޮންމެ މީހަކީ ވެސް ބަލި ހުރި މީހެއްގެ ގޮތުގައި
އަލީ އަލްވީން، އާރް.އާރް.ޓީގެ މެމްބަރެއް

އަލްވީން ބުނީ ސާމްޕަލް ނެގުމުގެ ކުރިން އިތުރު ގައުން އަކާ އަންގިއެއް ލައްވާ ކަމަށާއި ސާމްޕަލް ނަގާ ނިމިގެން އެގެއިން ނިކުތުމުގެ ކުރިން އެގައުންއާއި އަންގި ބާލާ އަރައިގެން ހުންނަ ބޫޓުވެސް ޑިކޮންޓެމިނޭޓް ކޮށް ނުވަތަ ސާފުކޮށް ހަދާ ކަމަށެވެ.

ސާމްޕަލް ނަގާ ނިމުމާއި އަލްވީންގެ ބިރު

މި ޒުވާނާ ބުނީ ޕީޕީއީއެއް ލައިގެން އެންމެ މިނެޓަކު ހުރުމަކީ ވެސް އުނދަގޫ ކަމެއް ކަމަށާ ހޫނުވެ ހާސްވުމަކީ އާއްމު ކަމެއް ކަމަށެވެ. އޭނާ ބުނީ އެއް ބައި ފަހަރު ފުލް ޕީޕީއީގައި ހަ ގަޑި އިރު ހޭދަކުރަން ޖެހޭ ކަމަށާ ޕީޕީއީ ލުމަށް ފަހު ފެން ބޮއި ފާހަނައަށް ގޮސް ނެހެދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކިތަންމެ ކުދިންނެއް އަނބުރައިގަންނަ ކަމަށާ އަލްވީންއާއި އޭނާގެ ޓީމުން ބަލަނީ ސާމްޕަލް ނަގަން ދިއުމުގެ ކުރިން ރަނގަޅަށް ފެންބޮއި، ހަށިގަނޑު 'ޑީ ހައިޑްރޭޓް' ވިޔަ ނުދިނުމަށް ކަމަށެވެ.

މާލޭގައި ދުވަހުން ދުވަހަށް ބަލި ޖެހޭ މިންވަރު އިތުރުވަމުން ދާ އިރު އަލްވީން އެންމެ ބިރު ގަންނަނީ ސާމްޕަލް ނެގުމުގެ ތެރޭގައި ވައިރަސް އަށް އެކްސްޕޯސް ވެ ބަލި ޖެހިދާނެތީއެއް ނޫނެވެ. އަލްވީން ބުނީ އޭނާ އެންމެ ބިރުގަންނަނީ އޭނާ ކުރާ މަސައްކަތް ނިންމާ އަނބުރާ ގެއަށް ދާ އިރު އޭނާއާ އެކު ވައިރަސް ވެސް ގެއަށް ވަދެދާނެތީއެވެ. އަދި މިކަމުގެ ސަބަބުން އާއިލާއާއި ގޭ މީހުންނަށް ބަލިޖެހިދާނެތީއެވެ.

އާރުއާރުޓީ ޓީމަކީ ކޮބައިކަން އެނގޭތަ؟

އާރްއާރްޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ޑިރެކްޓާ އަހްމަދު ނަސީރު ވިދާޅުވީ، މިކަން ފެށިގެން އައި އިރު އެޓީމުގައި ހިމެނެނީ ހެލްތް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 10 މީހުން އެކަނި ކަމަށެވެ. ނަސީރު ވިދާޅުވީ، ކޮވިޑް-19 ގެ މަސައްކަތްތައް ހިންގުމުގެ ކަންކަން އެންއީއޯސީއިން ކުރަން ފެށުމާއެކު އިތުރު ފަރާތްތަކުން ޓީމާ ބައިވެރިވި ކަމަށާ އެ ގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) ގެ އިތުރުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫގެ) ދަރިވަރުންނާއި ފެކަލްޓީ އޮފް ހެލްތް ސައިސަންސްގެ ލެކްޗަރާއިން ވެސް އާރްއާރްޓީގައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއާއެކު މި ޓީމުގައި މިހާރު 120 މީހުން މަސައްކަތް ކުރަމުންދާ ކަމަށާ މީގެ ތެރޭގައި ގިނައީ އަންހެނުން ކަން ވެސް ނަސީރު ފާހަގަ ކުރެއްވިއެވެ. ނަސީރު ވިދާޅުވީ، މީގެ ތެރެއިން 72 މީހުންނަކީ ސާމްޕަލް ނަގާ ފަރާތްތައް ކަމަށާ މި ފަރާތްތަކަށް އެހީވުމަށް 13 ލީޑަރުން ހަރަކާތްތެރި ވާނެ ކަމަށެވެ. މީގެ އިތުރުން، އިދާރީ އެކި އެކި ކަންކަން ހަމަޖެއްސުމަށާއި ސާމްޕަލް ނެގުމަށް ބޭނުން ކުރާ ތަކެތި ސާފުކޮށް ހެދުމަށް ވަކި ބަޔަކު ހަރަކާތްތެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، ރޯދަމަހުގެ އިތުރުން ޝައްވާލު މަހުގެ ހަ ރޯދައިގެ ތެރޭގައި އާރްއާރުޓީއިން މަސައްކަތް ކުރާނީ ތިން ޑިއުޓީއަކަށް ކަމަށާ މި ގޮތުން ހެނދުނު 10 އަކުން ރޭގަނޑު 7 އަކަށް، އެއް ޑިއުޓީ ނިމޭ އިރު ރޭގަނޑު ހަތެއްގެ ޑިއުޓީ ކުރާ މީހުންގެ މަސައްކަތްތައް ނިމޭނީ އެރެއަށް ހުރި ހުރިހާ ޓާސްކްތަކެއް ނިމުމުން ކަމަށާއި، މިގޮތަށް ގޮސް ފަތިހު ހަތަރެއް ޖަހަންދެން ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފަތިހު ހަތަރަކުން ހެނދުނު ހަތަކަށް ދެން އަންނަ ޑިއުޓީގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށާއި، ޓީމުގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ހަފްތާއަކު އެއްދުވަހު އޮފް ދޭ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، އާރްއާރްޓީގެ މެމްބަރުން މިހާރު ތިބެނީ ސަރުކާރުން ދީފަައިވާ އެކަމޮޑޭޝަންގައި ކަމަށާ އެމީހުންގެ ކެއުމުގެ ކަންކަން ބަލަހައްޓަނީ ސަރުކާރުން ކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ދާ މީހުންގެ ސިއްހީ ހާލަތު ގާތުން ބަލާ ކަމަށާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމީހުން ސްކްރީން ކޮށް އަލާމަތް ފެންނަ ނަމަ ޓެސްޓްކޮށް ޓީމުގެ އެހެން މެމްބަރުންނާ އެކަހެރި ކުރާ ކަމަށެވެ. އަދި މިމަސައްކަތުގައި އުޅެނިކޮށް އަދި އާރްއާރްޓީގެ އެއްވެސް މެމްބަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައި ނުވާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، އެމީހުން މަސައްކަތް ކުރަމުން ދަނީ ހިލޭ ސާބަހަށް ކަމަށާ ސަރުކާރާ އެކު މަޝްވަރާ ކޮށްގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތެއް ހަމަޖެއްސުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިކަމަކީ ވަރަށް ތަފާތު ތަޖުރިބާއެއް. ވަރަށް ގިނަ ގޮންޖެހުންތަކަކާއެކު ކުރާ އުނދަގޫ އެހެން ނަމަވެސް މުހިއްމު ކަމެއް. އެހެން ނަމަވެސް އާރްއާރްޓީގެ ހުރިހާ މެމްބަރުން ވެސް މި މަަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުން އެއްވެސް ފަސްޖެހުމެއް ނެތި. މިކުދިން މިމަސައްކަތް މިކުރަނީ ހިލޭ ސާބަހަށް އަމިއްލައަށް ބޭނުންވެގެން.
އަހްމަދު ނަސީރު، އެޗްޕީއޭ ޑިރެކްޓާ

އަލްވީންގެ މެސެޖް

ކޮންމެ އަކަސް ބިރުވެރި މަސައްކަތެކެވެ. އެ މަސައްކަތް ކުރާ ބަޔަކަށް ތައުރީފު ހައްޤގެވެ. އެހެން ނަމަވެސް ހަގީގަތަކީ މި ކަން ކުރަމުން ދަނީ ނިސްބަތުން ވަރަށް މަދު ބަޔަކު ހިމެނޭ ޓީމެއް ކަމެވެ. ބަލި ފެތުރޭ މިންވަރު އިތުރުވި ނަމަވެސް ސާމްޕަލް ނަގަން ތިބި ޓީމުގެ އަދަދު އަދިވެސް މަދެވެ. އެންއީއޯސީއިން ދާދި ފަހުން ބުނެފައި ވަނީ އާރްއާރްޓީގެ މަސައްކަތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ޖެހިލުންވާ ކަމަށެވެ.

އަލްވީން އެންމެ ބިރުގަންނަނީ ކުރާ މަސައްކަތުގެ ސަބަބުން އާއިލާ ނުރައްކަލަށް ހުށަހެޅިދާނެތީ

މިފަދަ ފަރާތްތަކަށް އާރްއާރްޓީގެ މެމްބަރު އަލްވީން ދޭން ބޭނުން މެސެޖެއް އެބައޮތެވެ.

ވިސްނާ މިއީ ތިބާގެ އަމިއްލަ ގައުމަށް ކޮށްދޭ ކަމަކޭ. އާނ މިކަމުގައި ކިތަންމެހާ ވެސް ނުރައްކާ އެބައޮތް އެހެން ނަމަވެސް މިހާރު މިއޮތް އާރްއާރްޓީއާއެކު މިކަމުގެ ބިރުވެރިކަން އެތަށް ގުނައަކަށް ކުޑަވެގެންދޭ. ޓީމުގައި ހިމެނޭ އެންމެ ސީނިއާ ފަރާތްތަކުން ފެށިގެން އެންމެ ދަށު ފަންތީގައި މަސައްކަތް ކުރާ މެމްބަރުން ވެސް އެކަކު އަނެކަކަށް އެހާމެ އަޅާލާ އޯގާތެރި
އަލީ އަލްވީން، އާރް.އާރް.ޓީގެ މެމްބަރެއް

އަލްވީން ބުނީ އާރްއާރްޓީގެ ކޮންމެ މެމްބަރަކު އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ކުރާ މަސައްކަތުން ބަލީގެ ނުރައްކަލަށް ހުށެހެޅުމަކީ ނާދިރު ކަމެއް ކަމަށާ އެއަށް ވުރެ އަޅާ ފިޔަވަޅުތައް މާ ހަރުދަނާވާނެ ކަމަށެވެ.

ހިތްވަރުގަދަ އާރްއާރްޓީ ގެ ހީވާގި އެއް މެމްބަރު ކަމަށްވާ އަލީ އަލްވީންގެ މެސެޖް ވަރަށް ސާފެވެ. ތިބާގެ ގައުމު ދަނީ ތިބާއަށް ގޮވަމުން ހަނާ އަޅަމުންނެވެ. އެފަދަ މަތިވެރި ގޮވާލުމަކަށް އިޖާބަ ދީ މި ގޮތަށް ގުރުބާނީއެއް ދިނުމަށް ފަސް ޖެހެންވީ ކީއްވެތޯއެވެ.