ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 15 މީހުން ރަނގަޅު ވެއްޖެއެވެ.

މިއަދު އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 2 މީހަކު ފިޔަވާ މުޅިންވެސް ދިވެހިންނެވެ.

ރާއްޖޭގައި ކޮވީޑް ފެތުރި ގައިން ގަޔަށް އަރަން ފަށާފައިވާކަން ފާހަގަ ކުރެވުނު ފަހުން ދޮޅުމަސް ވެގެން ދާއިރު މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ހުރީ މަތީގައެވެ. އެގޮތުން މިހިނގާ ހަފްތާގެ ހިސާބުތަކަށް ބަލާއިރު އެވްރެޖު 30 އާއި 50 އާ ދޭތެރޭގައި ހުރީ ހިފެހެއްޓިފައެެވެ.

މިހާތަނަށް 1371 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިއަދުވެސް 58 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑާ ގުޅިގެން އައިސޮލޭޝަނާއި ކަރަންޓީނުގައިވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްބެއެވެ. އެގޮތުން ކަރަންޓީނުގައި 1650 މީހަކު ތިބި އިރު 1115 މީހަކު އައިސޮލޭޝަނުގައި އެބަތިއްބެވެ.

އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދު 2765 އަށް އަރާއިރު ކަރަންޓީނު ފެސިލިޓީއަކަށް ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ނުގެންގޮސް މާލޭގެ ގޭގައިވެސް އެތައް ބަޔަކު އެބަ ތިއްބެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ފެނިފައިވާ، ގޭގޭގައިވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްވެއެވެ. އޭގެ ތެރެއިން ގިނަ ތަންތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަނެވެ.

ރާއްޖޭގައި ކޮވިޑް ޖެހި ރަނގަޅުވާ މީހުން އިތުރު ވަމުން އަންނަ އިރު، ގިނަ ބަޔަކު ރަނގަޅުވާން ގިނަ ދުވަސް ނަގަމުން ދާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. އަދި މިހާރު ހަމައްސާފައި އޮތީ ކުރިން 14 ދުވަސް ކޮށްފައި ޓެސްތް ކުރި ނަމަވެސް 21 ދުވަސް ނުވަނީސް އަލުން ޓެސްޓް ނުކުރުމަށެވެ.