ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ ކުޑައީދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުހިންމު މެސެޖެއް ދެއްވައިފިއެވެ.

ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މިވަގުތުވެސް ހުރިހާ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވަނީ ޑޮކްޓަރުންގެ ލަފާ އަހައިގެން އެގޮތަށް އަމަލު ކުރަމުން ގެންދިއުމަށް ކަމަށެވެ. އަދި މިކަމުން (ކޮވިޑް) އިން އަރައިގަނެވޭނެ ގޮތަކީވެސް އެއީ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

“އަޅުގަނޑު މިވަގުތުވެސް ހުރިހާ ރައްޔިތުންގެ ފަރާތުން އެދޭ އެދުމަކީ، ޑޮކްޓަރުންގެ ލަފައާއި އެއްގޮތައް އަދިވެސް އަމަލު ކުރަމުން ގެންދަވާށޭ، މިކަމުން އަރައިގަނެވޭނީ އެލަފައާ އިރުސާދާ އެއްގޮތައް އަމަލު ކުރެވިގެން”
ރައީސް

ރައީސް ވިދާޅުވީ، މިކަމުން (ކޮވިޑް) ގެ ބަލިމަޑުކަމުން އަރައިގަނެވޭނެ މަގު ފެނިފައި ވާ ކަމަށާއި ޑޮކްޓަރުންގެ ލަފައާއި އިރުޝާދު އަޑުއަހައިގެން ކުރިއަށް ދިއުމުން ވަރަށް އަވަހަށް ބޭރަށް ނުކުމެ އާންމު ދިރިއުޅުމަށް އިރާދަކުރެއްވިއްޔާ ދެވޭނެ ކަމަށެވެ.

ރައީސްގެ އިތުރުން އަނބިކަނބަލުން ފަޒުނާ އަހުމަދު ވަނީ ކުޑަކުދިންނަށް ހާއްސަ އީދު ތަހުނިޔާއެއް ދަންނަވާފައެވެ. އެގޮތުން ގޭގޭގައި ތިބި ކުޑަކުދިންނާއި ކުޑަކުދިންގެ މަރުކަޒުތަކުގައި ތިބި ކުދިންނަށް ފިތުރު އީދުގެ ތަހުނިޔާ ދެންނެވިއެވެ. އަދި އެކުދިން ބަލަހައްޓަން ތިބި ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށްވެސް ފަޒުނާ ވަނި ވިދާޅުވެފައެވެ.

ބަކަރާތްތެރި ރަމަޟާން މަސް ނިމި ފިތުރު އީދު ދިވެހިންނާ ބައްދަލު ކުރި އިރު ގިނަ އަދަދެއްގެ ބަޔަކު އީދު ފާހަގަ ކުރަން ޖެހިފައިވަނީ އެބަޔަކު ތިބި ގެއެއްގައި ގޭގައި ތިބި އާއިލާއާއި އެކުވެރިންނާއެކުގައެވެ.

މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ނަމާދު ކުރެވިގެން ދިޔަ އިރު، ގޭގޭގައި އާއިލާ އެކުގައި އީދުނަމާދު ކުރުމާއި އީދުގެ "ސައި" އާއިލާ އެކުގައި ބުއިން ފަދަ ހަރަކާތްތައް ހިންގާފައި ވެއެވެ.

މިއަހަރުގެ ފިތުރު އީދު ދިވެހިންނާ ބައްދަލު ކުރި އިރު، މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށް އޮތީ މިމަހުގެ 28 ގެ ނިޔަލަށް ލޮކްޑައުން (ފުރަބަންދު) ކޮށްފައެވެ.