ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 128 މީހުން ބަލިން އެއްކޮށް ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިއްޔެގެ ތާރީހުގައި 3 މީހަކު ރަނގަޅުވެފައި ވެއެެވެ. އެއީ ކޭސް ނަންބަރު 24، 46 އަހަރުގެ އަންހެނަކާއި ކޭސް ނަންބަރު 25، 15 އަހަރުގެ އަންހެން ކުއްޖަކާއި ކޭސް ނަންބަރު 34، 24 އަހަރުގެ އަންހެނެކެވެ.
މީގެ ތެރެއިން ކޭސް ނަންބަރު 24 އަދި 25 އަކީ ޖަރީމާގޭ ކްލަސްޓާއަށް ނިސްބަތްވާ 2 މީހުންނެވެ. އެމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނި ހުސްވި އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
ކޭސް ނަންބަރު 34 އަކީ، ލީލީ ސްޓޯރުގެ ކްލަސްޓާއަށް ނިސްބަތްވާ މީހެކެވެ. އޭނާ ޕޮޒިޓް ވެފައިވަނީ ހުސްވި އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.
ރާއްޖެއިން ކޮވިޑް ފެނި ބަލި ގައިން ގަޔަށް އަރާކަން ފާހަގަވާން ފެށީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު، ޖެހިގެން އައި ކޮންމެ ދުވަހެއްގައި ޕޮޒިޓިވް ކޭސްތައް ފެނި މިއަދާ ހަމައަށް ޖުމްލަ 1313 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 1116 ފިރިހެނަކާއި 197 އަންހެނުން ހިމެނެއެވެ.
ޕޮޒިޓިވް ވި މީހުންގެ ގައުމީ ނިސްބަތުން؛
- ބަންގްލަދޭޝް - 675
- ދިވެހިރާއްޖެ - 469
- އިންޑިއާ - 126
- ނޭޕާލް - 16
- އިޓަލީ - 11
- ސްރީލަންކާ - 9
- ޕާކިސްތާން - 3
- ގައުމު ހާމަ ނުކުރާ - 4
ގައުމު ހާމަ ނުކުރާ މީހުންގެ ތެރޭގައި ސައުތުއެފްރިކާއާއި ޖަރުމަނު ހިމެނޭކަން ކުރިން ހާމަ ކޮށްފައި ވެއެވެ. ނަމަވެސް މިހާރު 4 މީހަކު ހިމަނާފައިވަނީ އެމީހުންގެ ގައުމީ ނިސްބަތް ނޭނގޭގޮތަށެވެ.
ރާއްޖޭގައި ކޮވިޑް ފެތުރި މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި ވާއިރު، ކޮންމެ 14 ދުވަހަކުން މުއްދަތު އިތުރު ކުރަމުން ދިޔަ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ގުނަމުންދާ 14 ދުވަސް މިމަހުގެ 28 އަށް ހަމަވާނެއެވެ. ފުރަބަންދުގެ މުއްދަތު ހަމަވާން ކައިރި ވި ނަމަވެސް ރާއްޖެއިން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވެގެން ނުދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އިއްޔެވެސް 39 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ފުރަބަންދުގެ މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު މިހާރު ސަރުކާރުގެ ވިސްނުން ހުރީ ފުރަބަންދަށް ލުއިތަކެއް ދޭށެވެ. އެ ލުއިތައް ދެމުންދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރާއްޖެއިން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދު ނުވުމާއި، ކަމާބެހޭ ފަރާތްތަކަށް ފިޔަވަޅު ނޭޅި ނުވަތަ، ކަަރަންޓީނަށް ނުގެންދެވި، މާލެ ތެރޭގައި ޕޮޒިޓިވް ވީހުން އުޅެމުން ދާކަން ބުނެ ފުރަބަންދު ނުވަތަ ލޮކަޑައުން އުވާލުމާ ދެކޮޅު ކަމަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.