ރާއްޖޭގައި ފެތުރެމުން ދާ ކޮރޯނާވައިރަހަށް އެސްޓާސް އަދި މުނި ގްރޫޕުގެ މުވައްޒަފަކު ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާގޮތުން އެސްޓާސް އަދި މުނި ގްރޫޕުން ޕޮޓިވް ވެފައި ވަނީ އެންމެ ސްޓާފެކެވެ. އެސްޓާސްގެ ސްޓާފާއި މުނި ގްރޫޕުގެ ސްޓާފް ޕޮޒިޓިވް ވި އިރު އެ ދެމީހުންވެސް ދިރިއުޅެނީ ގިނަ އަަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ 2 އިމާރާތެއްގައި އެ ދެކުންފުނީގެ ގިނަ އަދަދެއްގެ ސްޓާފުންނާ އެކީގައެވެ.

އެ ދެމީހުން ޕޮޒިޓިވް ވެ އިމާރާތުގައި އެޗްޕީއޭއިން ނޯޓިސް ހިއްޕާ، ގެއަށް ވަދެ ނުކުމެ ހެދުން މަނާ ކުރި އިރު އެކަން އިމާރާތުގެ އެހެން ފްލޯ (ބުރި) ތަކުގައި އުޅޭ މީހުނަށް ނާންގާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ.

"މިގޭގައި ކަމެއް ވެގެން އުޅޭކަން މި އެނގުނީ ތިރިއަށް ފޭބިތަނުން. އެބައޮތް މަގުމަތީގައި ޓޭޕް ދަމާފައި، ގޭގަ އިއުލާންވެސް ހިތްޕާފަ ހުރީ"
އިމާރާތެއްގައި އުޅޭ މީހަކު

އެ 2 އިމާރާތުން ޕޮޒިޓިވް މީހުން ފެނި އިމާރާތް ލޮކް ކުރާއިރު އިމާރާތުގެ އެހެން ފްލޯތަކުގައި އުޅޭ މީހުންނަށް ނާންގަނީ ކީއްވެތޯ ކުރި ސުވާލަކަށް އެޗްޕީއޭއަކުން ޖަވާބެއް ނުދިން ކަމަށް އެ އިމާރާތްތަކުން މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފައެވެ. އެޗްޕީއޭގެ 1676 އިން ބުނީ މިހާރު އަމަލު ކުރާ ގޮތް އެމީހުންނަށް ނޭނގޭ ކަމަށާއި އަދި އެ ގޮތަށް ޕޮޒިޓިވް ވާ މީހުން، ބައިތިއްބާނީ ގޭގައި ކަމެއް ނުވަތަ އެހެން ތަނަކަށް ބަދަލު ކުރާނީ ކަމެއްވެސް ނޭނގޭކަމަށް ބުނި ކަމަށެވެ. އަދި އެމީހުން (1676) ޖެހޭނީ އެކަން ކަމާބެހޭ ފަރަތްތަކާ ހިއްސާ ކުރަން ކަމަށް ބުނެފައި ވާ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ 2 އިމާރާތެއްގެ 2 ފްލޯ އެއްގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނަކުން ޕޮޒިޓިވް ކޭސްއެއް ފެނި، މުޅި އިމާރާތް ލޮކް ކުރަން ޖެހުމާއި، ގޭގޭގައި ޖަމާވާ ކުނި އުކާލަން ތިރިއަށް ނުދެވި ނުވަތަ ދާން ނުކެރި ހުރެ ކުނިވާތީ ކަންބޮޑުވެ އެ އިމާރާތްތަކުން ވަނީ އެޗްޕީއޭއަށް ގުޅާފައެވެ. އަދި އެޗްޕީއޭއިން އިރުޝާދު ދިނީ މާލެ ސަރަހައްދުތަކުގެ އައިސީޕީ ނަންބަރުތަކަށް ގުޅުމަށް ކަމަށާއި ނަމަވެސް އެ ނަމްބަރުތަކުން ފޯނު ނުނަގާކަމަށް "ދަ ޕްރެސް" އާ މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގެ އައިސީޕީ ނަންބަރުތަކުން ޖަވާބުދޭތޯ ބެލުމަށް "ދަ ޕްރެސް" އިން ގުޅި އިރު އެ ދެ ގެ ހިމެނޭ ސަރަހައްދުގެ އައިސީޕީ ނަންބަރުތަކުން ފޯނު ނުނަގާކަން ވަނީ ފާހަގަވެފައެވެ.

އެ ދެ އިމާރަތުގައި އުޅޭ މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވުމުން، އިމާރާތް ޑިސްއިންފެކްޓް ކުރުމާއި، ޕޮޒިޓިވް ވި ބިދެސީން ކަރަންޓީނު ފެސިލިޓީތަކަށް ނުގެންދަނީ ކީއްވެތޯ ބެލުމަށް ނޭޝަނަލް އިމަޖޭންސީ އޮޕަރޭޝަން ސެންޓަރުގައި ކުރި ސުވާލަށް އެފަރާތުން ޖަވާބެއް ނުދިނެވެ.

މި ކަމާ ގުޅިގެން އެސްޓާއިން މައުލޫމާތު ދެމުން ބުނީ، އެ ކުންފުނީގެ ސްޓާފެއް ޕޮޒިޓިވް ވެފައި ވުމުން، ހުރިހާ އޮޕަރޭޝަނެއް ހުއްޓާލާފައިވާ ކަމަށާއި އޮޕަރެޝަންތައް އަލުން ފަށާއި ހުރިހާތަނެއް ޑިސްއިންފެކްޓް ކޮށް ރައްކާތެރިކަން ޔަގީންކޮށްފައި ކަމަށެވެ. ހަމައެއާއެކު މުނި ގްރޫޕުން ބުނީ އެތަނުން ޕޮޒިޓިވް ވި މުވައްޒަފަކީ އާންމުކޮށް ބޭރަށް ގޮސް އުޅޭ މުވައްޒަފެއްވެސް ނޫން ކަމަށާއި، އެކަން އެ ހިނގީ ލޮކްޑައުނާއެކު އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް (މަސައްކަތެއް) ހުއްޓިފައި ވަނިކޮށް ކަމަށެވެ.

އެސްޓާސްއާއި، މުނި ގްރޫޕުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ދެ ކުންފުނީގެ މުވައްޒަފުން ތިބި ތަންތަނާއި ފިހާރަތަކާއި ގުދަންތައް ޑިސްއިންފެކްޓް ކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. އެކަމުގައި އެޗްޕީއޭއަށް ގުޅަމުން ދާކަމަށް އެ ދެ ފަރާތުން ވަނީ ބުނެފައެވެ.