"އެމީހުން އައްބާސް ހޯދަން ނުކުމެއްޖެ. މިހާރު އެ އުޅެނީ ފާލު ބަލަން. އަންނަ މަހުގެ ސާދަވިލޭރެއަށް މަޑުކުރާނެ ކަމެއް ނެތް. ބާކީ އޮތީ އެންމެ މަރެއްނު"
ކަމަނަގެ ވާހަކަތަކުން އަންނަ މަހަށް މަޑުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނުމުން ބަދުރުގެ ބޮލުގައި ރިއްސާލިއެވެ. ހަދާނެ ގޮތަކާ މެދު ވިސްނާލަން ބަދުރަށް މަޑުކޮށްލުވުނު ވަގުތު އަނެއްކާވެސް ވާހަކަ ދެއްކީ ކަމަނައެވެ. "ކޮން ކަމަކާ ތިވިސްނަނީ ސާދަ އަދި ފަނަރަ ވިލޭރެއަކީ އަހަރެންގެ ބާރު ގަދަވާ ދުވަސްތައް. އެހެންވީމަ މިރޭ މިކަމާ އުޅެންވީ. އެހެންނޫނީ ކަމެއް ނުވެ އުޅެނިކޮށް ހުރިހާ ކަމެއް ފަޅާ އަރާފާނެ. ތިން މަރު. އެއީ މިކަން ފެށިއިރުވެސް ބޭނުންވި ގޮތް"
ބަދުރު އާއެކޭ ބުނުމާ އެކު ކަމަނަ އެ ކެޔޮވަލު ތެރެއަށް ވަދެ ގެއްލިއްޖެއެވެ.
*** *** *** *** *** ***
ގޯތިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ތައްކާނުގެ މޫނުމަތިން ފާޅުވަމުން ދިޔަ ހާސްކަން ފެނި ދަލޭކައަށް ހިމޭނަކުން ނުހުރެވުނެވެ. ހެއްލަމުންދިޔަ އުނދޯލީގައި އިން ދަލޭކަ ތެދުވެ ތައްކާނަށް ގޮވާލިއެވެ. ހަމައެއާއެކު ދެކޮޅަށް ހިނގަމުންދިޔަ ތައްކާނުގެ ފިޔަވަޅު މަޑުކޮށްލީ ދަލޭކަ ބުނަން އުޅޭ އެއްޗެއް އަޑު އެހުމަށެވެ. އެ ގޯތިތެރޭ ތިބި އެންމެން ކަހަލަ ގޮތަކަށް އެ ދެމަފިރިންނާ ދިމާއަށް އެވަގުތު ބަލާލިއެވެ.
ދަލޭކަ ކުރިއަށް ޖެހި ތައްކާނުގެ މޫނަށް ބަލާލީ މިއިން ދުވަހަކު އޭނާގެ ފިރިމީހާ އެހާ ކަންބޮޑުވެފައި ހުރިތަން އޭނާއަށް ނުފެންނާތީއެވެ. "މި ރަށުގައި ތިކަން ކުރެވޭ ވަރުގެ މީހެއް ނެތީތަ އެހެން ރަށަކުން މީހެއް ތި ގެންނަނީ؟ ބަދުރުބެ އަކީ ފާލު ބަލާ ތިބުނާ ކަހަލަ ކަންކަން ކުރަން ދަންނަ މީހެއް. ނިކަން ބަދުރު ގެނެސްގެން މިކަން ކުރަންވީނު؟ ގައިމު މިހާ އިރު މަޑުކުރާކަށް ނުޖެހުނީސް.."
ދަލޭކައަށް ފެންނަ އެންމެ ރަނގަޅު ގޮތް ހިއްސާކުރުމުން އެ ފެންޑާތެރޭގައި ތިބި ފިކުރީގެ ބައްޕަ ދީދީއާއި އައްބާސްގެ ބައްޕަ ކާސިމަށް އެކުއެކީ ބަލާލެވުނީ ތައްކާނުގެ މޫނަށެވެ. ދަލޭކަ ކުރި ސުވާލަށް ތައްކާނު ދޭނެ ޖަވާބު މާ ކުރިންވެސް އެމީހުންނަށް އެނގޭ ކަހަލައެވެ. ދެއަތަށް ތައްކާނު ބޯހޫރާލަމުން އަނެއްކާވެސް ފެންޑާތެރޭ ދެއަތަށް ހިނގަން ފެށީ، އޭނާގެ ބޮލުގައި އިތުރު ރިހުމެއް އުފެދުމުންނެވެ.
"ބަދުރަކަށް މިކަމެއް ނުވާނެ. ކުރެވޭނެ ކަމަކަށް އަފިރިން ގަބޫލެއް ނުކުރަން. އެޔަށް ކަމެއް ރަނގަޅަށް ކުރެވޭ ނަމަ މީގެ 15 އަހަރު ކުރިން އަމާ ރަނގަޅު ކުރެވުނީސް. އަމާ މަރުވި ފަހުން ބަދުރު ގެނެސްގެން އެކަހަލަ ކަން ކުރުން ވާނީ ހުއްޓާލާފަ. އެއީ އައްޕަގެ ނިންމުން. އެހެންވީމަ އެކަމެއް ނުވާނެ. ކިތަންމެ ލަސްވިޔަސް ވަރިހަމަ." ތައްކާނުގެ ވާހަކަ މެދުކެނޑުނީ އިރުއޮއްސެމުން ދިޔަ ވަގުތު އެގޭތެރެއަށް މީހަކު ވަދެ ސަލާމް ގޮވާލުމުންނެވެ.
"ތައްކާނު... ދޯނި ލަފަނީ. އަވަހަށް އާދޭ. ބެއްޔާ ރަށަށް ފައިބަން ވާ އިރަށް ހިނގާ.."
ގޯތިތެރޭ ތިބި ހުރިހާ ފިރިހެން ވެރިން އެކީގައި ހިނގައިގަތީ އެގޭތެރެއަށް ހަބަރު ހިފައިގެން އައި މީހާއާއެކު ގޮނޑުދޮށާ ދިމާއަށެވެ. ހުރިހާ އަންހެންވެރިން ގޭގައި މަޑުކުރީ ތައްކާނުގެ އެދުމަށެވެ. އެއެންމެން ގެއިން ނުކުމެގެން ދިއުމުން އައްބާސްގެ މަންމަ ހަލީމާ ބަޑިފަޅައިގެން ގޮސް ރޯން ފެށިއެވެ. "އަފިރިންގެ އައްބާސް.... އައްބާސް ހޯދައިދީ... ހެޔޮނުވާނެ މަގޭ އައްބާސް"
*** *** *** *** *** ***
ތައްކާނުމެންނާއެކީ ގޮނޑުދޮށަށް ހަސަންކޮއެ ވެސް ދިޔައެވެ. އޭނާ އެތަނަށް ދިޔައީކީ ކޮންމެހެން ދާ ހިތަކުން ނޫނެވެ. ނަމަވެސް ގޭގައި ހުރެއްޖެ ނަމަ އޭނާއާ ދިމާއަށް މީހުން ބުނާނެ އެއްޗަކާ މެދު ވިސްނާފައެވެ. އެކުގައި އުޅުނު ދެ އެކުވެރިން ގެއްލިގެން ދިއުމުން އެކަމާ ހަސަން ކޮއެ ވެސް ހުރީ ކަންބޮޑުވެފައެވެ. ނަމަވެސް އެމީހުން ގެއްލުނު ގޮތާ މެދު އެއްޗެއް ބުނަން އޭނާ ބޭނުން ނުވީ އޭނާ ދައްކާ ވާހަކަ އެއިން މީހަކު ގަބޫލު ނުކޮށްފާނެތީއެވެ.
އައްބާސްއާ ފިކުރީއަކީ މަޅި ފަތި ޖަހައިގެން ދޫނި ހިފަން ފޯރި ހުންނަ ދެމީހުންނެވެ. އެހެންކަމުން ދެމީހުންވެސް ގެއްލުނީ އެކަމުގެ ތެރެއިން ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އަދި އެމީހުންނަށް އެހެންވީ ދޫނި ހިފަން އުޅުމުގެ ތެރޭގައި ޖިންނި ޝައިތޯނަކަށް ގޯނާ ކުރެވިގެން ކަމަށް އޭނާ ދެކެއެވެ.
އެންމެންގެ ތެރޭގައި ހުރި ހަސަންކޮއެގެ ބަނޑަށް ތަފާތު އުނދަގޫތަކެއް ވާން ފެށިއެވެ. މޫނުމަތިން އޮއްދާ ހިއްލާ ވަމުންދިޔަ އުނދަގޫތަކުން މާގެފިލިކުރަން ޖެހިއްޖެކަން އޭނާއަށް އެނގުނެވެ. މަޑު ފިޔަވަޅުތަކެއްގައި ހަސަންކޮއެ އެތާ ތިބި މީހުންނާ ދުރަށް ފިޔަވަޅު އަޅާލިއެވެ. އޭނާ ފިޔަވަޅު އަވަސްކޮށްލީ ދެން މާ ގިނަ އިރަކު އެތާ ނުހުރެވޭނެ ކަން އެނގޭތީއެވެ.
އަތިރިމައްޗަށް ނުކުމެ ތިބި މީހުންނަށް ނުފެންނަ ހިސާބަށް ގޮސް ހޭޅިފަށުގައި ހުރި ގަސްތަކުގެ ނިވަލަށް ވަދެ އޭނާ ލައިގެން ހުރި މުންޑު އަރުވާލަމުން އެ ހިސާބުގައި އުޑުފައިން އިށީނދެ ހިތްހަމަޖެހުމުގެ ނޭވާއެއް ހަސަންކޮއެ ދޫކޮށްލިއެވެ.
*** *** *** *** *** ***
ރަށަށް ގާތްކުރި ދޯނި ރާޅު ޖަހާ ހަމައަށް ބީއްސާލުމުން އެ ދޯނިން އައި މީހުން ރަށަށް ފޭބިއެވެ. އުމުރުން ދުވަސްވީ މީހަކަށް އެ ދޯނިން ފޭބީ ތާކިހާއެއް އަޅައިގެން ހުރި ބެއްޔާއެވެ. ދޯނީގެ ފަޅުވެރިންގެ އެހިތެރިކަމާއެކީ އޭނާ ފޭބި އިރު، މަރުހަބާ ކިޔަން ތައްކާނު ކުރިއަށް ޖެހިލިއެވެ. ރަށުގެ ހާލަތާއި ދިމާވެގެން އުޅޭ ކަންތައް އޭނާ ކިޔައިދިނެވެ. އެކަމުން ކުރިއެރުމެއް ހޯދުމަށް ބެއްޔާއާއި ތައްކާނު މަޝްވަރާ ކުރަމުން ދިޔައެވެ. ނަމަވެސް އެމީހުންގެ އެ ބައްދަލުވުމަށް ހުރަސް އެޅީ ކާޅު ބައިގަނޑެއްގެ ގޮވެލިންނެވެ.
އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކާޅު ޖަމާވެ އެމީހުންގެ ބޯމަތިން އުދުހެން ފެށުމުން ބެއްޔާގެ އަތުގައި އޮތް ތަސްބީހަ ފަތީގައި ހުރި މިނާ ފުއްތައް އިނގިލިން ގުނަމުން އޭނާ ތުންތަޅުވާލިއެވެ. ހައިރާންވެފައި ތައްކާނާއި ކާސިމާއި ދީދީ މައްޗަށް ބަލާލުމަށް ފަހު ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށީ އެހާ ބައިވަރު ކާޅު އެވަގުތު އެތަނަށް އައިސް އެމީހުން ބޯމަތިން އެނބުރޭ ތަން ފެނުމުން އެއީ ނުބައި ފާލެއް ކަމުގައި ދެކިގެންނެވެ.
އެސޮރުމެންނާ ދިމާއަށް ބަލަން ހުރި ބެއްޔާ ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް އެތެރެކޮށްލިއެވެ. އަދި މި ކަމަކީ ނުބައި ސިހުރަކާ ގުޅުން ހުރި ކަމެއް ކަމަށް ބުނެ ބެއްޔާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އިރުއޮއްސޭ ދަޅައިގައި އަތިރިމަތީ ތިބުމަކީ ނުރައްކާ ބޮޑު ކަމެއް ކަމަށް ބުނެ ގެއްލުނު ދެކުދިންގެ ގޯއްޗަށް ދާން އޭނާ ބޭނުންކަމަށް ބުނީ ކުރަން އައި މަސައްކަތް އަވަސްކުރާށެވެ. އެހިސާބުން އެތަނުގައި ތިބި އެންމެން އެކީގައި ހިނގައިގަތީ ފުރަތަމަ ގެއްލުނު ފިކުރީގެ ގޯއްޗާ ދިމާއަށް ދާށެވެ.
*** *** *** *** *** ***
ގައިގާ ނުޖެހޭނެހެން މުންޑުގަނޑު ކުޑަކޮށް ތިރިކޮށްގެން ހުރެ ހަސަން ކޮއެ މޫދުގެ ރާޅުޖަހާ ހިސާބަށް ފޭބީ ދެފަރާތަށް ބަލަމުންނެވެ. އެހިސާބުގައި އޭރު އެއްވެސް މީހެއް ފެންނަން ނެތުމުން ހަސަން ކޮއެއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކަށިމައްޗާ ހަމައަށް މޫދުގެ ލޮނުގަނޑު އަންނަ ހިސާބަށް ދެވުމުން އޭނާ ލޮނުގަނޑު ތެރެއަށް ތިރިވީ ތާހިރުވިއެވެ. މީހަކު ދުރުގައި ބަލަން ހުންނަ ކަހަލަ އިހްސާސެއް ކުރާތީ ޖެހިލުންވާ ހާލުގައި ހުރެ ގައިން ނަޖިސް ފިލުވާ އޭނާ ތާހިރުވީ އިރުއިރުކޮޅުން ސިހިފައި ދެފަރާތް ބަލާލަމުންނެވެ.
ކުއްލިއަކަށް އަންހެނެއްގެ ހުނުމުގެ އަޑު ހަސަންކޮއެގެ ކަންފަތުގައި ޖެހުމުން ކައްޓެއް ޖެހިހެން އޭނާ ތެދުވިއެވެ. އަދި އަރުވާ ޖަހައިގެން ހުރި މުންޑުގަނޑު ދޫކޮށްލަމުން އޭނާ އެއްގަމަށް އެރީ އަޑުއައި ދިމާއަށް ބަލާލަމުންނެވެ.
ގަސްތަކުގެ ތެރެއިން ރަތް ލިބާހެއް ލައިގެން ހުރި އަންހެނަކު ދިޔަތަން ފެނި ހަސަންކޮއެ އެދިމާއަށް ހިނގައިގަތީ އެއީ ކާކުތޯ ބަލަން ބޭނުންވެފައި ހުރުމުންނެވެ. ގަސްތަކުގެ ތެރެއަށް ވަންނަން ހިނގައިގަތް ހަސަންކޮއެގެ ނޭފަތުގައި އެވަގުތު ޖެހުނީ އާދަޔާ ހިލާފް މީރު ވަހެކެވެ. އެ ހުވަނދަކީ އެ އަންހެން ކުއްޖާގެ ގައިން ދުވި ވަސްކަން އޭނާއަށް ޔަގީނެވެ.
ވަލުތެރެއަށް ވަދެގެން ދިޔަ ހަސަންކޮއެއަށް ވަލުގެ އެންމެ އެތެރެއާ ހަމައަށް އާދެވިއްޖެއެވެ. އަނެއްކާވެސް އޭނާގެ ނޭފަތުގައި އެވަސް ޖެހިއްޖެއެވެ. އެހިނދު އެ އަންހެން ކުއްޖާ ހުރި ހިސާބާ ގާތްވެއްޖެ ކަމަށް އޭނާ ގަބޫލުކޮށް ވަށައިގެން ހޯދާލިއެވެ. ހުދުކުލައިގެ މާތަކެއް އަޅާފައިވާ ގަހާ ހަމައަށް އާދެވުމުން އެ ދުވާ މީރު ވަހަކީ އެގަހުގައި އަޅާފައިވާ މާތަކުން ދުވާ ވަހެއް ކަން އޭނާއަށް އެނގުނެވެ.
އެ ގަހުގައި ފޮޅިފައިވާ ގިނަ މާތަށް ވަނީ ގަސްދޮށަށް ފައިބާފައެވެ. މުޅި އެ ސަރަހައްދުން ދުވަމުން ދިޔައީ އެމަލުން ދުވާ މީރު ވަހެވެ.
*** *** *** *** *** ***
އައްބާސްމެން ގެއާ ހަމައަށް އާދެވުނު އިރު ކާސިމް ހުރީ ނުތަނަވަސްވެފައެވެ. ފިކުރީމެން ގެއަށް ގޮސް ބެއްޔާ ބުނެގެން ކަންކުރި ގޮތުންނާއި ފެނުނު މަންޒަރުން އެންމެ ތިބީ ހައިރާންވެ ބިރުގެންފައެވެ. ޖެހިގެން އުޅޭ މުސީބާތުގެ ބޮޑުކަން އިހުސާސްކުރެވި ގެއްލުނު ފިކުރީ ފެންނާނެ ކަމާމެދު އެންމެ ހިތުގައި ޝައްކު އުފެދިފައިވާ ކަހަލައެވެ.
އެފަދަ ކަމެއް އެ ގޯތިން ފެންނާކަށް ކާސިމް ބޭނުމެއް ނުވިއެވެ. އެހެން ރަށަކުން ގެނައި މީހަކަށް ވީތީ އެމީހާއާ މެދު އޮތް އިތުބާރު ކުޑަކަމުން ކާސިމް ބާނުންވީ އެގެއިން ހޯދާ ނަތީޖާއާ މެދު ޝައްކު ނުކުރެވޭނެ މިންވަރަށް ޔަގީން ކުރާށެވެ.
ފިކުރީމެން ގޯތި ކުރިމައްޗަށް ގޮސްފައިވެސް ބެއްޔާ އެގޭ އޮޅި ގިރާކޮށްފައި އެތެރެއަށްކަށް ނުވަދެއެވެ. އައްބާސްމެން ގޯއްޗާ ހަމައަށް ގޮސްފައިވެސް އޭނާ ދޮރުމައްޗާ ހަމައަށް ގޮސް މަޑުކުރިއެވެ. އަދި ގޭތެރެއަށް ނުވަދެ އޭނާ ތުންތަޅުވާ ކޮންމެވެސް އެއްޗެއް ކިޔަވާލިއެވެ. އެއަށްފަހު އޭނާ ގެނައި ސާމާނުގެ ތެރެއިން ކާއްޓެއް ނަގާ އެގޭ ދޮރުމަތީ ބޭއްވި ހިލަބުރީގައި ޖަހާ ފަޅާލިއެވެ. ކާށި ދެފަޅި ކޮށްލަމުން އޭގެތެރެއަށް އެންމެން ބަލާލިއެވެ. އެ ކާށިވެސް އޮތީ ފިކުރީމެން ގޯތި ދޮރުމައްޗަށް ފަޅާލި ކާށީގެ އެތެރެ އޮތް ހެން އެކީ ކަޅު ކުލައަކަށެވެ.
ދެއަތަށް ބޯ ހުރުވާލަމުން ބެއްޔާ ތައްކާނާ ދިމާލަށް ބަލާލިއެވެ. "މީ ސިހުރުގެ ކަމެއް.. ނުބައިވެގެންވާ ބޮޑު ސިހުރެއް."
ބެއްޔާއާ ކުރިމަތިލާން ކާސިމް ކުރިއަށް ޖެހި މޭ ފުއްޕާލީ މޫނު ކުނިކޮށްލަމުންނެވެ. "އަފިރިން ކިހިނެއް ގަބޫލު ކުރާނީ. ތި ގެނައި ހުރިހާ ކާއްޓެއްވެސް ހުރީ ތިހެން ނޫން ކަމެއް. ނިކަން އަފިރިން ދޭ ކާއްޓެއް ފަޅާބަލަ. އޭރުން ގަބޫލު ކުރާނީ.."
*** *** *** *** *** ***
ހަސަންކޮއެ ހަށިފުރާ ނޭވާއެއް އެތެރެކޮށްލުމަށްފަހު އެ ގަހުގެ ބިއްދޮށުން ފެންނަން ހުރި ޖިފްޓިގެއާ ދިމާއަށް ހިނގައިގަތީ އެގޭތެރެއިން އަލިކަމެއް ފެނުމުންނެވެ. އެ އަންހެން ކުއްޖާ ގޮސް ވަނީ އެގެއަށް ކަން ހަސަން ކޮއެއަށް ލަފާ ކުރެވުނެވެ. ކުރިއަށް ހިނގައިގަތް ހަސަންކޮއެގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ރަތް ލިބާހާއި ކަނޑިކިއެވެ. އެއީ އެ އަންހެން ކުއްޖާ ލައިގެން ހުރި ހެދުން ކަން އޭނާއަށް ޔަގީނެވެ. ބިންމަތީ އޮތް ހެދުން ނަގާ އޭގެން އޭނާ ވަސްބަލާލިއެވެ. އޭނާގެ ނޭފަތުގައި ޖެހުނީ އުނިމަލުގެ ވަހެވެ. އަތުގައި އޮތް ލިބާހުން ދޫކޮށްލައި ޖިފްޓި ގެއަށް ވަންނަން ހަސަންކޮއެ އަވަސްވެގަތެވެ.
ޖިފްޓިގެއަށް ވަނުމާއެކު އޭގެތެރެއިން ފެނުނު އަލިކަން ކުއްލިއަކަށް ފަނޑުވެއްޖެއެވެ.
"މަންޖޭ... ކީއްވެ ފުޅިބައްތި ނިއްވާލީ... ލަދު ގަތީތަ؟" ސިޔާސަ ރާގަކަށް ހަސަންކޮއެ ސުވާލުކޮށްލީ ތަނެއް ދޮރެއް ނުފެންނަ ވަރުވުމުންނެވެ. އެ ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ހަސަންކޮއެގެ ކަންފަތުގައި ޖެހުނީ އަނެއްކާވެސް އެ ރީތި ހުނުމުގެ އަޑެވެ.
އަޑުއައި ދިމާއަށް ހަސަންކޮއެ ބަލާލިއެވެ. އެ ތަނުގައި މީހަކު ހުރިހެން އޭނާއަށް ހީވިއެވެ. ފާނޫޒުގައި ވާ އަލިފާނުގެ ހުޅުކޮޅު ކުޑަކޮށްލާފައި ހުރި ނަމަވެސް އެ ފާނޫޒު ހިފައިގެން ހުރީ އެ އަންހެން ކުއްޖާއެވެ. އިސްތަށިގަނޑު ހާވާލާފައިވާއިރު ފަހަތުން އޭނާގެ ހަށިގަނޑު ނުފެންނަހާ އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ދިގެވެ. ހަސަންކޮއެ އަށް ފުރަގަސް ދީގެން ހުރި އަންހެން ކުއްޖާގެ ކޮނޑުގައި ހިފާ އޭނާއަށް ދިމާއަށް އަނބުރާލީ އެ އަންހެން ކުއްޖާގެ މޫނު ބަލާލާ ހިތުން ކެތްމަދުވެފައި ހުރުމުންނެވެ. އިސް ޖަހައިގެން ހުރި އެ އަންހެން ކުއްޖާގެ އަތުގައި އިން ފާނޫޒުން ފަނޑު އަލިކަމެއް އެ މޫނަށް އެޅިފައި ހުއްޓެވެ.
އެހާ ރީތި އަންހެން ކުއްޖެއް މިއިން ދުވަހަކު އޭނާ ނުދެކެއެވެ. އޭނާއަށް ތަފާތުކަމެއް އިހްސާސްވީ އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި ބީހިލި ވަގުތެވެ. އޭނާގެ އަތް ޖެހުނީ ތަތް ދިޔާ އެއްޗެއްގައެވެ. ފަހަތަށް ފިޔަވަޅު އަޅަމުން އެ އަންހެން ކުއްޖާއާ ދިމާއަށް ހަސަންކޮއެ ރަނގަޅަށް ބަލާލީ ހިތުގައި ބިރުވެރިކަމެއް އަށަގަންނަން ފެށުމުންނެވެ. އެވަގުތު އެ އަންހެންކުއްޖާ ލޯ ހުޅުވާލަމުން ހަސަންކޮއެއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
އެ ރަތް ލޮލުގެ ތެރެއިން އޭނާއަށް ފެނުނީ އަނގުރު އަލިފާނެވެ. ގަތް ބިރެއްގެ ބޮޑުކަމުން ބިމުގައި ފައި ހަރުނުލާ ހަސަންކޮއެ އެހުރިތަނަށް ވެއްޓުނެވެ. ހަމައެއާއެކު އެ މުޅި ޖިފްޓި ގޭގައި އަލިފާން ރޯވެ މުޅި ތަނަށް އަލިވެގެން ދިޔައެވެ. ހަސަން ކޮއެ ކުރިމަތީ އޭރު ހުރި އަންހެން ކުއްޖާ މިހާރު ފެންނާކަށް ނެތެވެ. އަލިފާން ރޯވެ އަނދަމުން ދިޔަ ޖިފްޓިގެ ތެރޭގައި މިހާރު އެހުރީ ހަސަން ކޮއެ އެކަންޏެވެ.
ސަލާމަތްވާން އެތަނުން ނުކުންނާނެ ގޮތެއް ހަސަން ކޮއެ އަކަށް ނުފެނުނެވެ. އަލިފާން ރޯވަމުން ދިޔަ އިރު އެތަން ދުމުން ފުރި ނޭވާ ލާން އުނދަގޫވެ މީހާ ހާސް ވިއެވެ. ޖިފްޓިގޭގެ މަތި ހިޔާކުރަން އަޅާފައިވާ ފަންގަނޑުގައި ހުޅު ރޯވެ އެތަނުން ފަންގަނޑެއް އޭނާގެ ބޯމައްޗަށް ވެއްޓުނެވެ. ގައިން ނެގި ދިލައަށް ކެތްނުވާ ހާލުގައި އަޑުގެ ނެތްތަނަށް ހަސަންކޮއެ ހަޅޭއްލަވައިގަތީ ރޮއެ ހޭރެމުންނެވެ.
(ނުނިމޭ)
ވަރައްފުރިހަމަ ވާހަކަ އެއް... ޝުކުރިއްޔާ މިކަހަލަ ސަޅިވާހަކަ އެއް ގެނެސްދިނީތީ.....