ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވޭތުވެދިޔަ ހަތަރު މަސްދުވަހު ގައުމުގެ އިޤްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީ.އީ.އޯ ޔޫސުފް ރިއްފަތު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ރިއްފަތު ވިދާޅުވީ، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކަމަށާ މި ދާއިރާގައި މަސައްކަތް ކުރާ 125 މިލިއަން މީހުންގެ ވަޒީފާތައް މި ސިއްހީ ކާރިސާގައި ގެއްލިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މޭއި މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާ ކެޕިޓަލް ޓްރެވަލްސްއިން މަސައްކަތް ކުރަމުން ދަނީ މިކަމުގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކަމަށެވެ.
1990 ވަަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތްތައް ދެމުން އަންނަ ކެޕިޓަލް ޓްރެލަލްސްގެ ސީ.އީ.އޯ ވިދާޅުވީ، މިއަހަރުގެ ޖުލައި މަހު ރާއްޖެ އަލުން ފެތުރުވެރިންނަށް ހުޅުވާލާ އިރު އެކުންފުނީގެ ފަރާތުން ފަތުރުވެރިންނަށް ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށް ރާއްޖޭގެ ރިސޯޓްތަކާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް ހާއްސަ އިތުރު ހަރަކާތްތަކެއް ރިސޯޓްތައް މެދުވެރިކޮށް އިންތިޒާމް ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ރިއްފަތު ވިދާޅުވިއެވެ.
ރިއްފަތު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސްދުވަހު ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ގައުމު އަލުން ފަތުރުވެރިންނަށް ހުޅުވާލުން މުހިއްމު ކަމަށާ ޖުލައި މަހު ގައުމު ހުޅުވާލައިގެން މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ލިބުނު ގެއްލުން ފޫބެއްދޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ރިއްފަތު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ މިކަމަށްޓަކައި ހާއްސަ ޤަވައިދެއްގެ ޑްރާފްޓެއް އެކުލަވާލާ އެ ފާސްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތްވެ އަލުން ފަތުރުވެރިންނަށް ހުޅުވާލާ އިރު މިކަމުގައި އަޅަން ޖެހޭ ހުރިހާ ސަލާމަތީ އަދި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެޅުން މުހިއްމު ކަމަށެވެ.
ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ޓްރެވަލް އޭޖެންޓް ކަމަށްވާ ކެޕިޓަލް ޓްރެވަލްސްގެ ސީ.އީ.އޯ ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުންފުންޏަށް ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެހެން ނަމަވެސް ކުންފުނީގައި މަސައްކަތް ކުރާ 80 އެއްހާ މުވައްޒަފުންގެ ތެރެއިން އެއްވެސް މުވައްޒަފަކު މަޤާމުން ވަކިކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރުވަމުން ދާ އިރު ހެޔޮ އަގުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ފަދަ އޮފާތަކެއް ރާވާފައި ވާނެ ކަމަށާ މިކަމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ރިއްފަތު ވިދާޅުވީ، އެކުންފުންޏަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެތަށް ބުކިންގްއެއް ލިބޭ ކަމަށާ ގިނައިން ލިބެނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ބުކިންގްތައް ކަމަށެވެ. އަދި މިއަހަރުގެ އޮގަސްޓް މަހާ ސެޕްޓެމްބަރު މަހަށް އިޓަލީ ފަދަ ގައުމުތަކުގެ ފަތުރުވެރިން ބުކިންގްތައް ހަދާފައިވާ ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދުގެ މައި އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތު މުޅިންހެން އިނދަޖެހިފައިވާ އިރު ސަރުކާރުން ދަނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށިގެން ފަތުރުވެރިން އަލުން ގެނައުމަށް މަސައްކަތްތައް ކުރަމުންނެވެ. މި ގޮތުން، ޓޫރިޒަމް މިނިސްޓްރީއިން އިސްނަގައިގެން ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިއާޔަތް ކޮށް އެކުލަވާލާފައިވާ ޤަވައިދު ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ އިތުރުން ސިނާއަތުގެ މުހިއްމު ފަރާތްތަކާ ހިއްސާކޮށްފައިވާ އިރު މި ޤަވައިދުގައި ބުނެފައިވާނީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށާ ފަތުރުވެރިން ރާއްޖޭގައި ތިބުމަށް މަދުވެގެން 14 ދުވަހު ވިސާއެއް އޮންނަން ޖެހޭނެ ކަމަށެވެ.