ހިނގަހިނގައި ހުރި ގަޑީގެ ކަށި ހުއްޓުނީ އެވަގުތުއެވެ. ބަލަން އިން ފިމްލު ފްރީޒުވި ވަގުތާއި ގެއިން ކަރަންޓް ދިޔަ ވަގުތުވެސް ވީ އެއްވަގުތަކަށެވެ.

ވީ ފޫއްސަކުން ޗޮކެއް ކަނޑާލުމަށް ފަހު ކައިރީގައި އޮތް ފޯނު ނަގަން އަތް ދިއްކޮށްލި ވަގުތު ސިއްސައިގެން ދިޔައީ ފޯނު ދިއްލިފައި ރިންގްވާން ފެށީމައެވެ.

"އިބްރާހިމް އަމީން ތޯ، މި ގުޅާލީ އެޗްޕީއޭއިން" ފޯނު ނަގައި ހަލޯ އޭ ބުނުމުން އެކޮޅުން ޖަވާބު ބުނީ އެގޮތަށެވެ.

ޖަވާބުގައި އަހަރެން "އާނއެކޭ" ބުނީމައި އެކޮޅުން ބުނީ، "އިބްރާހިމްގެ ސާމްޕަލް ޕޮޒިޓިވް" ކަމަށެވެ.

އަހަންނަށް ހުއްޓުން އެރިއެވެ. ޔަގީންކޮށްލުމުގެ ގޮތުން އަހަރެން އިތުރަށް އަހާލީމެވެ. "ޕޮޒިޓިވޭ ތޯ!" އެވެ.

ޖަވާބުގައި އަނެއްކާވެސް އާދޭހޭ އެކޮޅުން ބުންޏެވެ. ދެން ބުނީ އެޗްޕީއޭއިން އަހަރެން ބަލާ އަންނަން ގުޅާނެ ކަމަށާއި، ގޭގައި އެކަހެރިވެގެން ހުރުމަށެވެ.

ބަސް ހުއްޓިފައި ހުރެ އަހަންނަށް ތެދުވެވުނީ ކޮޅަށެވެ. އެއީ އެޗްޕީއޭއިން ބަލައި އަންނަން ވާއިރަށް ހެދުމަކާއި ޖަންގިޔަލަކާ އެއްޗެހި ދަބަހަކަށް ލާށެވެ.

"ކޮންތާކަށް ދާން އިއުޅެނީ..." އަހަރެން ޕެކް ކުރާތަން ފެނިގެން އަންހެނުން އަހާލިއެވެ.

"ތެދެއް ބައްޕި ކޮންތާކަށް ދަނީ..." މަންމަގެ ފަހަތުން ދަރިފުޅުވެސް އަހާލިއެވެ.

އަހަރެން އެ ދެމައިންނަށް ބަލައިލާފައި އެޗްޕީއޭއިން ގުޅައިފި ކަމަށާއި ބަލައި އަންނަން ވާއިރަށް ޕެކް ކުރަނީ ކަމަށް ބުނީމެވެ.

"ސީރިއަސްކޮށް، ޕޮޒިޓިވް ވީ!" ހައިރާންވެފައި އަންހެނުން އެހިއެވެ.

"ބުނި ޕޮޒިޓިވޭ...ދެން ނޭނގެ" އަހަރެން އަންހެނުންނަށް ޖަވާބު ދިނީ ކުރުކޮށެވެ.

އެޗްޕީއޭއިން ގުޅިފަހުން މިހާރު 2 ގަޑިއިރު ވެއްޖެއެވެ. އަދިވެސް ބަލައެއް ނާދެއެވެ. އަހަރެންގެ ހިތް ނުތަނަވަސް ވެ ދާވެސް ހިއްލަނީއެވެ. އެހާލެއްގައި އުޅެނިކޮށް އިރު އޮއްސިއްޖެއެވެ. އެޗްޕީއޭގެ ހަބަރެއް ނެތެވެ.

"ހަލޯ، އެޗްޕިއޭ، ތި ކޮޅުން ބަލައި އަންނާނަމޭ ބުނެފަ ނާންނާތީ މި ގުޅާލީ" ލަސް ބޮޑުވެގެން އެންމެ ފަހުން އަހަރެން އެޗްޕީއޭއަށް ގުޅައިފީމެވެ. އަހަރެންގެ ވަނަވަރު އެހުމަށް ފަހު "މަޑުކޮށްލަ ދެއްވާށޭ" ކިޔާފައި ފޯން ލީ ހޯލްޑަށެވެ. އިރުގަނޑެއް ކޮށްފައި އެކޮޅުން ކުރީ ސުވާލެކެވެ.

"ކާކު ތޯ އެޗްޕީއޭއިން ގުޅީ..." ފޯނުން ވާހަކަ ދެއްކި މީހާ އެހިއެވެ.

"އެ އެއް ނޭނގެ، ކޮންމެވެސް އަންހެން ބޭފުޅެއް ގުޅީ" ޖަބާވުގައި އަހަރެން ބުނީމެވެ.

"އެހެން ވީމައި އަޅުގަނޑުމެން ގުޅާނަން" އެޗްޕީއޭއިން ފޯނު ކަނޑާލިއެވެ. އަހަންނަށް އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއްވެސް، ވަގުތެއްވެސް ނުދެއެވެ.

"އެމީހުނަކަށް ނޭނގެ ވާއެއް ނުވާއެއް، ގުޅީމަ އެބުނީ ގުޅީ ކާކުހޯ އެތަނުން" އެޗްޕީއޭގެ ޝަކުވާ ކުރަމުން އަންހެނުންގެ ގާތުގައި އަހަރެން ބުނީމެވެ.

"އަނެއްކާ ގުޅާ ބަލަ، ތި ވާގޮތެއް ސާފުވާން ވާނެ ނު، އިބްރާހިމް ތި އުޅެނީ ހުންއައިސްގެނެއްވެސް ނޫން، އެއްވެސް ސިމްޕްޓަމެއް ނެތި ޕޮޒިޓިވް އޭ ބުނަންޏާ ބަލަން ވާނެ ނު" ޝަކުވާއާއެކު އަންހެނުން ލަފާދިނީ އަލުން ގުޅުމަށެވެ. އެބުނާހެން އަހަރެންގެ އެއްވެސް ސިމްޕްޓަމެއް ނެތެވެ. ނުކެއްސައެވެ. ހުމެއް ނެތެވެ. އެހެންވެސް އުނދަގުލެއްވެސް ނެތެވެ. ދެން ޕޮޒިޓިވް އޭ ބުނީމައި އަހަރެންވެސް މި ހުންނަނީ ކުޑަކޮށް ސުވާލު އުފެދިފައެވެ. އެހެން ނަމަވެސް، މި ކޮވިޑްގައި ސިމްޓަމެއް ނުފެނިވެސް ޕޮޒިޓިވް ވާތީއާއި، އެންމެ ބޮޑު ކްލަސްޓާ ފެނުނު ބާޒާރުމަތީގައި ނިކަން ގިނައިން އުޅެވޭ މީހެއް ކަމުން ނޭނގިވެސް ޕޮޒިޓިވް ވެފައި ހުރެދާނެތީ އެއީވެސް ގޮތެއް ކަމަށް ބެލީއެވެ.

ބާޒާރު މަތީގައި އަހަރެން އުޅެނީ ދަމާ ކަނޑާށެވެ. ލިލީސްޓޯރުން ފެށިގެން ގޮސް ކަސްޓަމް ސަރަހައްދާ ދޭތެރޭގައި ކޮންމެ ދުވަހަކު ހައެއްކަ ބުރު ޖެހޭނެއެވެ. އަދި އެތާ ބާޒާރުމަތީގައި ހުންނަ ހޮޓަލަށްވެސް ނިކަން ގިނައިން ވަދެވެއެވެ. ބައެއް ފަހަރު ބަނދަރު ތެރޭގައި ހުންނަ ހޮޓަލަށެވެ. އަނެއްބައި ފަހަރު އެއްގަމުގައި ހުންނަ ހޮޓަލަށެވެ. އެހެން އުޅޭ އިރު ބައެއް މީހުން ބުނީމައި އޮޑިދޯނިފަހަރަށް ފޮށިގަންގަނޑުވެސް ވައްޓާލަ ދޭން ދެވެއެވެެ.

ކޮންމެ ދުވަހަކު ކުރާ ޑިއުޓީއެއް ކަހަލަ ގޮތަކަށް އެމަސައްކަތް ނިންމާ ގެއަށް އައުމުގެ ކުރިން ރައްޓެހިންނާ މުލާގާތު ވެލުމަށް ރަށުތެރޭގައި ހުންނަ ކަޑައަކަށްވެސް އަރަމެވެ. އެތާނގައި އަނގަތަޅަން އިނދެ ދުފާ، ސިނގިރޭޓް ބޮއެ ހަދައިގެން ގެއަށް ވަދެވޭ ވަރު ވަނީ ރޭގަނޑެވެ. ދެން ގެއަށް ވަދެ ފެންވަރާ ހަދާލައިގެން ދިހައެއް، އެގާރަ ޖަހާއިރު ދަނީ ކޮފީއަށެވެ. އާންމުކޮށް ދަނީ ލެމަންގްރާސް އަށެވެ. އެހެން ނަމަވެސް އެހެން ކޮފީ ޝޮޕްތަކަށްވެސް އަރަމެވެ. އަދި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ސިނގިރޭޓް ގަންނަށް އެކިއެކި ފިހާރަތަކަށްވެސް ވަންނަމެވެ. އަދި އެދޭތެރެއަކުން އަންހެނުން ބަނޑުހަރުވެގެން ޑުޕަލަކް ފުޅިއެއް ހޯދަން އެތައް ބޭސްފިހާރަކަށްވެސް ވަދެވިފައި ވާނެއެވެ. ނަމަވެސް އެ ބޭސް ލިބެން ހުރި ހަމަ އެކަނި ބޭސް ފިހާރައިން ކޭޝްކާޑު ގަބޫލު ނުކޮށްގެން ކައިރީގައި ހުރި އޭޓީއެމަށްވެސް ވަނީ ވަދެވިފައެވެ. އަހަރެންގެ ރޭންޑަމް ސާމްޕަލް ނެގީ އެހެން އުޅެނިކޮށެވެ.

"ހަލޯ، އެޗްޕީއޭ، އަޅުގަނޑު މި ގުޅީ ބަލާ ނާންނާތީ..." އެޗްޕީއޭއަށް ގުޅާފައި ޝަކުވާ ކުރީމެވެ.

ޖަވާބުގައި އަނެއްކާވެސް ވަނަވަރު އަހާފައި ބުނީ އެރޭ ބަލާ އަންނާނެ ކަމަށެވެ.

އެޗްޕީއޭއިން ބަލާ އައީ އެރޭ ދަންވަރު 1:30 ގައެވެ. އޭގެ 2 ބޭކަލުން އައިސް އަހަރެން ޕީޕީއީ ލައްވައިގެން ގެންގޮސްފިއެވެ.

- ނިމުނީ -