ކުރިއަށް އޮތް ތަނުގައި ކޮވިޑް ސާމްޕަލް ނަގަން ދާއިރު ބަގީގެ ބޭނުން ކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވަނީ، ސާމްޕަލް ނެގުމުގައި ދިމާވެފައިވާ ލަސްކަން (ބެކްލޮގް) ހައްލުކުރުމަށް ކުރަމުން ދާ މަސައްކަތްތަކާ ބެހޭ ތަފްސީލު ދެއްވާފައެވެ.

ސާމްޕަލް ނެގުމުގައި މިހާރުވެސް 400 ސާމްޕަލް ނުނެގި ވާއިރު، 72 ގަޑިއިރުގެ ބެކްލޮގެއް އެބައޮތެވެ. ހަމީދު ވިދާޅުވީ، ބެކްލޮގް ފިލުވުމަށް މިވަގުތަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހަނި ގޯޅިތަކުގައި ތިބޭ ފަރާތްތަކުގެ ސާމްޕަލް ނެގުމަށް ބަގީ ބޭނުން ކުރުމަށް ޓަކައި ބަގީ ހޯދާފައިވާ ކަމަށެވެ.

އަދި ބަގީ ބޭނުންކޮށްގެން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ތައްޔާރު ވެފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށް ނުގެންދެވިފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ. މާދަމާވެސް މޫސުން ތަންދީފި ނަމަ، ކުދި ގޯޅިތަކުން ސާމަޕަލް ނެގުމަށް ބަގީ ފަދަ ވަސީލަތްތައް ބޭނުން ކުރަން ފަށާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ބެކްލޮގް ފިލުވުން އަވަސް ކުރުމަށްޓަކައި އޭނާ ވަނީ އާންމުންގެ އެއްބާރުލުމަށްވެސް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެގޮތުން އާންމުންނަށް ކޮށްދެވިދާނެ އެއް ކަމަކީ، އުސް އިމާރާތްތަކުގައި އުޅޭ މީހުން ސާމްޕަލް ދިނުމަށް އެންމެ ތިރިއަށް ނުވަތަ އެއްވަނަ ފަންގެފިލާއާ ހަމައަށް ފޭބުން ކަމަށެވެ. އޭރުން ވަގުތުތަކެއް ސަލާމަތް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.